ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "މަތީ އަރުތަވެރިންގެ އިނާމު 2025"ގެ 5ވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން- ހުޅުމާލޭގައި މިރޭ ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ވަނީ، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ ވަކި ވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން "ހައި އެޗީވްމަންޓް އެވޯޑު" ހޯދި ދަރިވަރުންނަށާއި، ޘާނަވީ އިމްތިޙާނުން "އައުޓްސްޓޭންޑިންގ ޕިއަރސަން އެވޯޑް" އަދި މަތީ ޘާނަވީ އިމްތިޙާނުން "އައުޓްސްޓޭންޑިންގ ކެމްބްރިޖް ލަރނަރ އެވޯޑް" އާއި "ހައި އެޗީވަރޒް ސްކޮލަރޝިޕް" ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކުރައްވާފައެވެ.
މީގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މިރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.
ތަޢުލީމާއި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކޮށް، ތަޢުލީމީ އަދި ފަންނީ ޒުވާނުން އިތުރުކުރުމަށް މަގުފަހިކޮށްދެއްވުމަކީ، މި ޤައުމުގެ ދުރު ރާސްތާގެ ތަރައްޤީއަށް މި ސަރުކާރުން ކުރާ ތަސައްވުރުގެ މުހިންމު އަމާޒެކެވެ.