މިފަހަރުގެ ވޯލްޑް ކަޕްގައި ތައާރަފުކުރި އައު ގަވާއިދެއްގެ ދަށުން، ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި ފުރަތަމަ ކުޅުންތެރިއަކަށް ސްވިޒަލޭންޑުގެ ބްރީލް އެމްބޯލޯ ވެއްޖެއެވެ.
އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ކުއާޓަރ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް، މެޗުގެ 72 ވަނަ މިނެޓުގައި އެމްބޯލޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކީ ރެފްރީއަށް އޮޅުވާލާ ފައުލް ހޯދަން މަސައްކަތް ކުރިކަމަށް ނިންމުމަށްފަހުއެވެ.
މި ހާދިސާގައި ރެފްރީ ޕިންހެއިރޯ ފުރަތަމަ ރީނދޫ ކާޑު ދެއްކީ އާޖެންޓީނާގެ ލެއަންޑްރޯ ޕަރަޑޭސް އަށެވެ. އެއީ އޭނާ ކުރި ފައުލެއް ކަމަށް ބަލައިގެންނެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ، ވީއޭއާރް އިން އެކަން އަލުން ބެލުމަށް އެންގުމުން، މޮނިޓަރުން މަންޒަރު ބެލުމަށްފަހު ރެފްރީ ނިންމީ އެމްބޯލޯ ގަސްތުގައި ވެއްޓިގަތީ ކަމަށެވެ.
ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅެ، މެޗުގެ ނަތީޖާ ހަމަހަމަކުރިތާ އެންމެ ފަސް މިނެޓް ތެރޭގައި ރަތް ކާޑު ދެއްކުމުން، އުމުރުން 29 އަހަރުގެ އެމްބޯލޯ ދަނޑުން ފޭބީ ރޮމުންނެވެ.
ސްވިޒަލޭންޑުގެ ކޯޗު މުރާތު ޔަކިން ބުނީ، އެ ހާލަތުގައި ރީނދޫ ކާޑެއް ދައްކަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެއީ ކުޅިވަރުގެ ރޫހާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި ބޭނުންނެތް ވަގުތެއްގައި ވީ.އޭ.އާރް ބޭނުންކޮށްގެން ނިންމި ނިންމުމުގެ ސަބަބުން މުޅި މެޗުގެ އޮއިވަރު ބަދަލުވެ، ޓީމަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.
އިތުރު ވަގުތު ކުޅެގެން 3-1 އިން މެޗު ކާމިޔާބުކޮށް، އާޖެންޓީނާ މިވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ސެމީގައި އެޓީމު ބައްދަލުކުރާނީ އިންގްލެންޑާއެވެ. މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ޔަކިން ބުނީ، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، އޭނާގެ ޓީމުން ދެއްކި ހިތްވަރާ މެދު ފަހުރުވެރިވާ ކަމަށެވެ.
ފީފާގެ އާ ގަވައިދު ބުނާގޮތުން، ކުޅުންތެރިއަކަށް ރީނދޫ ކާޑު ނުވަތަ ރަތް ކާޑެއް ދެއްކުމަށްފަހު، އެއީ އެހެން ކުޅުންތެރިއެއް ކުރި ކަމެއްކަން އެނގިއްޖެނަމަ، އެ ނިންމުން ބަދަލުކުރުމުގެ އިހުތިޔާރު ރެފްރީއަށް ލިބިގެންވެއެވެ.
އެގޮތުން، ޕަރަޑޭސްއަށް އެ ފައުލާ ގުޅިގެން ރީނދޫ ކާޑެއް ނުދެއްކިނަމަ، "މިސްޓޭކަން އައިޑެންޓިޓީ" ނުވަތަ ކުޅުންތެރިޔާ އޮޅުމުގެ ގަވާއިދުގެ ބޭނުމެއް ނުހިފުނީހެވެ.
މި ގަވާއިދުގެ ބޭނުން މި މުބާރާތުގައި އެންމެ ފުރަތަމަ ހިފާފައިވަނީ އެމެރިކާގެ ޑިފެންޑަރު ޓިމް ރީމް، މިގްއެލް އަލްމިރޯންއަށް ފައުލްކުރި ކަމަށް ބަލައި އޭނާއަށް ރީނދޫ ކާޑު ދެއްކި ހާދިސާގައެވެ.
އެމެޗުގައިވެސް ވީ.އޭ.އާރް މެދުވެރިކޮށް މަންޒަރު ބެލުމަށް އެންގުމުން، ނެދަލޭންޑްސްގެ ރެފްރީ ވަނީ ކުރީގެ ނިންމުން ބަދަލުކޮށްފައެވެ. މިއީ މީގެ ކުރިން ރެފްރީންނަށް ހުއްދަ އޮންނަ ކަމެއް ނޫނެވެ.
ޓިމް ރީމްއަށް ދެއްކި ކާޑު ބާތިލުކުރުމަށްފަހު، ރެފްރީ މަކެލީ ވަނީ ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އަލްމިރޯން ގަސްތުގައި ވެއްޓިގަތް ކަމަށް ނިންމައި އޭނާއަށް ރީނދޫ ކާޑު ދައްކާފައެވެ.