ޚަބަރު

ބިދޭސީންގެ ފިންގަރ ޕްރިންޓް ނެގުމުގެ މަސައްކަތް ނިންމާ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލަނީ


  • އޭޕްރީލް މަހު ފިންގަރ ޕްރިންޓް ނެގުމުގެ މަސައްކަތް ނިންމަނީ

  • ދެވަނަ ފިޔަވަހީގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލާނެ

"އޮޕަރޭޝަން ކުރަނގި"ގެ ތެރެއިން މިއަހަރުގެ އޭޕްރީލްމަހާ ހަމައަށް ބިދޭސީންގެ ފިންގަރ ޕްރިންޓް ނެގުމަށްފަހު ދެ ކުރިއަށްދާނީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ފޮނުވާލުމުގެ މަސައްކަތްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވީ މި ޕްރޮގްރާމް އެއްކޮށް ނިންމާލެވޭނީ 2027 ވަނަ އަހަރުގައި ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓް ނެގުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހަށް ނިންމާލެވޭނެކަމަށް ޞިއްދީޤު ވިދާޅުވިއެވެ.

ޞިއްދީޤު ވިދާޅުވީ ބިދޭސީންގެ ފިންގަރ ޕްރިންޓާއި އެމީހުންގެ ބަޔޯޑާޓާ ނެގުމަށްފަހު ދެވަނަ ފިޔަވަހީގައި ކުރިއަށްދާނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތްކަމަށެވެ. އެއީ އިމިގްރޭޝަނުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނާ ތަފާތު ޕްރޮގްރާމެއްކަން ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސިން ފޮނުވާލުމުގެ މަސައްކަތުގައި އިމިގްރޭޝަނަޢި ފުލުހުންވެސް ބައިވެރިވާނެކަމަށެވެ.

"ފޯނުން ފޮޓޯ ނަގާލުމުން އެނގޭނެ އޭނާއަކީ އަޅުގަނޑުމެންގެ ޓޭޓާ ބޭސްއަށް ވަދެފައޮތް މީހެއްތޯ. ނުވަތަ ކޮންމެ ފިންގަރ ޕްރިންޓެއްވެސް ޖަހާލީމަ އެއީ ކާކުކަން ސިސްޓަމްއިން އެނގޭނެ. އޭނާ އެންމެ ފުރަތަމަ ގެނައީ ކާކުކަން އެނގޭނެ. އޭނާއަށް ވިސާ ދައްކާފައި ހުރިކަން އެނގޭނެ." ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވިއެވެ.

ކުރިނގި އޮޕަރޭޝަނުން މިހާރު ކުރަމުންދާ މަސައްކަތުން ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާ މީހުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޞިއްދީޤު ވިދާޅުވީ މި އޮޕަރޭޝަން ދެވަނަ ފިޔަވަހީގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު ޤަވާއިދާ ޚިލާފަށް އުޅޭ މީހާއަށް އިތުރު ފުރުޞަތެއް ނުދޭނެކަމަށެވެ. އަދި އެމީހާ ޖެހޭނީ ރާއްޖެ ދޫކޮށް ދާންކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނަށް ބިދޭސީން މަޢުލޫމާތު ދިނުމަށާއި މިހާރުގެ އޮޕަރޭޝަންގެ ތެރެއިން އެއްވެސް މީހަކަށް ފިޔަވަޅު ނާޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެއެވެ.

މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ ކަމަށް ދާޚިލީ ސަލާމާތައި ފަންނިއްޔާތާ ބެހޭ ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މި ޕްރޮގްރާމްގެ ތެރެއިން މިހާރު 25483 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ ވަނީ އެއްކޮށްފައެވެ.