ޚަބަރު

ދެކުނު ކޮރެޔާގެ ރައީސްގެ ބަންދުގެ މުއްދަތު އިތުރުކުރުމުން، ޢާންމުން ކޯޓު ތެރެއަށް ވަދެގެންފި


ދެކުނު ކޮރެޔާގައި ކުއްލި ޙާލަތު އިޢުލާނުކުރުމުން، ހައްޔަރުކޮށްފައިވާ ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލްގެ ބަންދުގެ މުއްދަތު އިތުރުކުރަން އަމުރު ކުރުމާ އެކު، އޭނަށް ތާޢީދުކުރާ ގިނަ އަދަދެއް ޢާންމުން ކޯޓު ތެރެއަށް ވަދެގަނެ، ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ޔޫން ހައްޔަރުކުރީ، މިދިޔަ ޑިސެމްބަރު މަހުގެ 3ވަނަ ދުވަހު ކުއްލި ޙާލަތު އިޢުލާނުކުރައްވައި ފިތުނަ އުފައްދަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައެވެ. މިއީ ދެކުނު ކޮރެޔާގެ ދުސްތޫރީ ތާރީޚުގައި، ރައީސްކަމުގައި ހުންނެވި ބޭފުޅަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.

ޔޫންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމާ ދިމާކޮށް، އޭނާއަށް ތާއީދުކުރާ އެތަކެއް ހާސް ބަޔަކު ވަނީ ކޯޓު ކައިރިއަށް ޖަމާވެފައެވެ. އަދި ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓުން ޢަމުރުކުރުމާއެކު، އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ، ފުލުހުންގެ ސަފުތައް ފޫއަޅުވާލައި، ކޯޓުގެ އިމާރާތުގެ ތެރެއަށް ވަދެގަނަ، ބޮޑެތި ގެއްލުންތައް ދީފައެވެ.

ކޯޓު ތެރެއަށް ވަދެގަތް މީހުންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި، 46 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ކުރިމަތިލުންތަކުގައި ނުވަ ފުލުހަކަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް ވެސް އެ ޤައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ދެކުނު ކޮރެޔާގެ ރައީސްކަމާ މި ވަގުތު ޙަވާލުވެވަޑައިގެން ހުންނެވި ޗޯއި ސެންގ-މޮކް ވަނީ ޑިމްކޮރެޓިކް މުޖުތަމަޢުއެއްގައި މިފަދަ މި ޣައިރު ޤާނޫނީ ޢަމަލުތައް ބަލައިނުގެންނެވޭނެ ކަމަށް ވިދާޅުވެ، މުސްތަޤުބަލުގައި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

މި ހަމަނުޖެހުންތައް ހިންގުމުގެ ކުރިން ކޯޓުން ވަނީ، ހެކި ނައްތައިލުމުގެ ފުރުޞަތު އޮތް ކަމަށް ބުނެ، ޔޫން އިތުރު 20 ދުވަހަށް ބަންދުގައި ބަހައްޓަން ޢަމުރެއް ނެރެފައެވެ. ޔޫންގެ ބަންދުގެ މުއްދަތު އިތުރުކުރަން ތަޙްޤީޤީ އިދާރާތަކުން ހުށަހެޅީ، ހައްޔަރުކުރި ފަހުން ވެސް، ތަޙްޤީޤަށް އެއްބާރުލުން ނުދެއްވައި، ސުވާލުތަކަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވަމުން ގެންދަވާތީއެވެ.

ޔޫނާ ދެކޮޅަށް ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވެފައިވުމާ ގުޅިގެން ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުން ވަނީ އޭނާގެ ޝަރިޢަތް ފަށާފައެވެ. މިއީ، އޭނާއާ ދެކޮޅަށް ތަޙުޤީޤު ކުރަމުންދާ މައްސަލަތަކާއި ވަކިން ހިންގާ ޝަރިޢަތެކެވެ. ދުސްތޫރީ ކޯޓުގައި ފަށާފައިވާ ޝަރިޢަތުގައި ޔޫން ރައީސް ކަމުގެ މަޤާމުގައި ދެމިހުންނެވުމާ މެދު ގޮތެއް ނިންމާނެއެވެ.