ކުޅިވަރު

ޕާކިސްތާން ޓީމު އިއުލާން ނުކޮށްގެން އުޅެނީ ކީއްވެ؟


އަންނަ ފެބުރުވަރީ މަހު ފަށާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަށް މިހާރު ޓީމު އިއުލާން ނުކޮށް އޮތް ހަމައެކަނި ގައުމަކީ ޕާކިސްތާނެވެ. މުބާރާތް ބާއްވާ ގައުމަށް ޓީމު ފައިނަލް ނުކުރެވިގެން އުޅެނީ ކީއްވެ ހެއްޔެވެ؟

ފެބްރުއަރީ މަހުގެ 19 އިން މަސް ދުވަހަށް ދެމިގެންދާ މުބާރާތުގައި ވާދަކުރާނީ އަށް ގައުމަކުންނެވެ. އެއީ ޕާކިސްތާނާއި އަފްގާނިސްތާނާއި އޮސްޓްރޭލިޔާ އާއި ބަނގްލަދޭޝް އާއި އަދި އިންގްލޭންޑާއި އިންޑިޔާގެ އިތުރުން ނިއުޒީލޭންޑާއި ދެކުނު އެފްރިކާ އެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޕާކިސްތާނެވެ. ޕާކިސްތާނުގައި މުބާރާތް ބޭއްވި ނަމަވެސް އިންޑިޔާގެ ހުރިހާ މެޗެއް ކުޅޭނީ ޑުބާއީގަ އެވެ. އެއީ އިންޑިޔާ ޓީމު ޕާކިސްތާނަށް ދާން ނިއުދިއްލީން ހުއްދަ ނުދޭތީ އެވެ.

މުބާރާތް ކުޅޭ ހުރިހާ ގައުމަކުން ވެސް ޓީމު ލިސްޓް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލަށް ހުށަހަޅަން ޖެހޭނެ އެވެ. މިކަމަށް ދީފައިވާ އެންމެ ފަހުގެ މުއްދަތަކީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހެވެ. މި މުއްދަތުގައި ޓީމު ފައިނަލް ނުކޮށް މިހާތަނަށް ފަސް ކުރަމުން ދިޔައީ ދެ ގައުމަކުންނެވެ. އެއީ އިންޑިޔާ އާއި ޕާކިސްތާނެވެ.

އިންޑިޔާއިން ޓީމު ފައިނަލް ނުކޮށް ލަސްކުރަމުންދިޔައީ ބައެއް ކުޅުންތެރިންގެ ފިޓްނަސް މައްސަލަތަކާހުރެ އެވެ. މިހެންވެ ލިސްޓް ހުށަހެޅުން ފަސްކޮށްދިނުމަށް އެ ގައުުމުން ރަސްމީކޮށް އެދުނެވެ. އެކަމަށް ދިން މުއްދަތު އިއްޔެ ހަމަވިއިރު މިހާރު ޓީމު ފައިނަލްނުކުރާ ހަމައެކަނި ގައުމަކީ ޕާކިސްތާނެވެ. ކީއްވެ ހެއްޔެވެ؟

ޕާކިސްތާނުން ޓީމު ފައިނަލް ނުކޮށްގެން އުޅޭ މައިގަނޑު ސަބަބަކީ ވެސް މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާވެފައިވުމެވެ. ހާއްސަކޮށް ޓީމުގެ އެންމެ މުހިންމު އެއް ބެޓްސްމަން ސާއިމް އަޔޫބްގެ ކަކުލަށް އަނިޔާވެފައިވުމެވެ. އޭނާގެ ކަކޫ ރަނގަޅު ކުރަން މިހާރު ފޮނުވާފައިވަނީ އިނގިރޭސިވިލާތަށެވެ. އޮޕަރޭޝަން ނުކޮށް ކުޅުންތެރިޔާ ފިޓްކުރެވޭތޯ ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ދަނީ ކުރެވެންހުރި ކޮންމެ ކަމެއް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ޑޮކްޓަރުންގެ ފަރުވާއަށްފަހު މިހާރު ޔަގީން ނުވެގެން އުޅެނީ އަޔޫބް މުޅިން ފިޓްވެގެން ކުޅެން ނުކުމެވޭނެ ދުވަހެކެވެ. އުމުރުން 22 އަހަރުގެ އަޔޫބް އަކީ އޭނާ ފިޓްކޮށް ހުރެފިނަމަ ޕާކިސްތާނުގެ އެންމެ އިތުބާރު ބެޓްސްމަނެވެ. އިނިންގްސް ހުޅުވަން ނުކުންނާނީ ވެސް ވާތުން ކުޅޭ މި ކުޅުންތެރިޔާ އެވެ. މިހެންވެ ތަށި ދިފާު ކުރަން ކުޅޭއިރު އޭނާގެ މުހިންމުކަން ކިތަންމެހާ ވެސް ބޮޑެވެ.

ޕާކިސްތާނުގެ ޓީމު ފައިނަލްނުކޮށް ތިބި ނަމަވެސް މިކަމާ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން ވެސް ތިބީ ހިމޭނުންނެވެ. މިހެންވެ ބޮޑަށް ބެލެވެނީ އަދިވެސް ޕާކިސްތާނަށް އިތުރު ފުރުސަތުދޭން ނިންމާފައިވާ ކަމަށެވެ.