ޚަބަރު

ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ކުރިއަށްގެންދާނެގޮތުގެ މަޝްވަރާ ބައްދަލުވުމެއް ފަށައިފި


  • މިއީ 2 ދުވަހުގެ މަޝްވަރާ ބައްދަލުވުމެއް

  • މި މަޝްވަރާ ބައްދަލުވުމުގައި 92 ފަރާތަކުން ބައިވެރިވޭ

ސްކޫލްތަކުގައި އިތުރު ހަރަކާތްތައް އިންތިޒާމް ކުރާނެގޮތުގެ މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށްދާނީ 2 ދުވަހުގެ މުއްދަތަކަށެވެ. ބައްދަލުވުން ފައްޓަވައިދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި 92 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި މާލޭގެ ހުރިހާ ސްކޫލަކާއި އަތޮޅުތަކުގެ ކޮންމެ ޒޯނަކުން ސްކޫލެއް ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން ކައުންސިލްތަކާއި، ކުޅިވަރުގެ އެކިއެކި ޖަމްޢިއްޔާތަކާއި، ސްކޫލްތަކުގެ ކުޅިވަރު ސްޕަވައިޒަރުންނާއި، ސްކައުޓް އަދި ކަބް ސްކައުޓުންވެސް ވަނީ ބައިވެރިވެފައެވެ.

ސްކޫލްތަކުގައި އިތުރު ހަރަކާތްތައް އިންތިޒާމްކޮށް ރާވާގޮތުން ބައެއް ފަހަރު ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރައި، ބެލެނިވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރެއެވެ. އަދި ބައެއް ފަހަރު ޓީޗަރުންވެސް މިކަމުގައި ގިނަ ވަގުތު ހޭދަކުރަންޖެހުމަކީ ކަންބޮޑުވުމެކެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ހުރިހާ ސްކޫލްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން މަޝްވަރާކުރެވި މިކަމުގައި ހުރިހާ ސްކޫލްތަކުން އަމަލުކުރާނެ ވަކި ގޮތްތަކެއް ކަނޑައެޅިންދާނެކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ތަޢުލީމީ ވުޒާރާގެ ޕޮލިސީގެ ތެރެއިން އިތުރު ހަރަކާތްތައް ހިންގޭނެ ގޮތްތައް ކަނޑައެޅިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މި މަޝްވަރާ ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ވާހަކަދެއްކި ބައިވެރިން ވަނީ މިއީ ވަރަށް މުހިންމު މަޝްވަރާ ބައްދަލުވުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި މަޝްވަރާތަކުގެ އަލީގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް އެ ބައިވެރިން ފާހަގަކުރެއްވިއެވެ.

މިއީ ތަޢުލީމީ ވުޒާރާއިން މިފަދަ މަޝްވަރާ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ސްކޫލްތަކުގައި މިހާރު އިތުރު ހަރަކާތްތައް ހިނގާގޮތާއި، ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ބައިވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެއެވެ.