ބޯ ވިއްސާރައިގެ ޚަބަރާއެކު އަހަރު ދެވަނަ ފެށިގެން ދިޔައިރު، މި ހަފްތާ ފާހަގަވެގެން ދިޔައީ މުޅި ރާއްޖެއަށް ޖުމްލަ ގޮތެއްގައި މޫސުން ގޯސް ހަފްތާއެއް ގޮތުގައެވެ. އެގޮތުން ހޮނިހިރު ދުވަހު ކުރި ވިއްސާރައިގެ މާލޭގެ 7 ގެއަކުން 44 މީހަކު ވަގުތީ ހިޔާއަށް ބަދަލު ކުރަން ޖެހުނެވެ. މޫސުން މި ހަފްތާ ތެރެއަށް ގޯސްވާނެ ކަމަށް ލަފާކުރުމާއެކު، އެކަމަށް ސަރުކާރާއި ރައްޔިތުން ވަރަށް ބޮޑަށް ވަނީ ތައްޔާރުވެފައެވެ.
ހަފްތާ ފެށިގެން ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ކުރެއްވި ޒިޔާރަތާއެކުގައެވެ. މި ބައްދަލުވުމުގައި މަސްވެރިކަމާއި ދަނޑުވެރިކަން ސިންދަފާތު ކުރުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާއެވެ. މިބައްދަލުކުރެއްވުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ދެއްކެވި ވާހަކަފުޅުގައިވަނީ ރާއްޖޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާ އެކަމަށް ތަޢުރީފްކުރައްވާފައިވެއެވެ.
ހަފްތާގެ އެންމެ ފާހަގަ ފާހަގަކޮށްލެވޭ ޚަބަރުތައް މިހަފްތާގައި އައިސްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ 13 އިން 16 އަށް އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅު ވެގެންދިޔައީ ޑިޖިޓަލް ރާއްޖެއަކަށް ވުމަށް ރާއްޖެ ހިފާފައިވާ އަމާޒަށް ވަސީލްވުމަށް އެޅިގެންދިޔަ ބިންގަލަކަށެވެ. އެގޮތުން ތިމާވެއްޓާއި، ފަންނިއްޔާތާއި އަދި ސިޔާސީ ދައިރާއިން މި ދަތުރުފުޅުގެ ތެރެއިން ފަހުމުނާމާތަކުގައި ސޮއިކުރެވިގެން ދިޔައެވެ.
އެސްޓޯނިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ބައްލަވާލައްވާ އެދާއިރާއިން އެސްޓޯނިއާއި ގުޅިގެން މަސައްކަތް ކުރުމަށް މި ދަތުފުޅުގެ ތެރެއިން މަގުކޮށިގެން ދިޔައެވެ. އަދި އެސްޓޯނިއާއިން ވަނީ މި ރޮނގުން އެހީވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މިދިޔަ ހަފްތާ ފާހަގަވެގެން ދިޔައީ ދިވެހި އިޤްތިޞާދުގެ ހިންގުންތެރިކަން ހާމަވި ހަފްތާއަކަށެވެ. އެގޮތުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ޝެޑިއުލްކޮށް ކާގޯ ދަތުރުތައް އިންޑިއާގެ އެފްކޮމް ކުންފުނިން ވަނީ ފަށާފައެވެ. އެގޮތުން މީގެ ފުރަތަމަ ދަތުރުގައި 20 ޓަނުގެ ކާގޯ މުދާ ގެނެސްފައިވާއިރު، މިދަތުރުތައް އެހެން އެއަރލައިންތަކާއި ގުޅިގެން ކުރުމަށް ދަނީ ރާވަމުންނެވެ.
މީގެ އިތުރުން ރާއްޖޭގެ ތާރިޚުގައިވެސް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބޭ ޑޮލަރު އާމްދަނީ މިދިޔަ އަހަރު އެއް ބިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް، މީރާއިން ވަނީ ހާމަކޮށްފައެވެ. މިރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑޮލަރާއި ރުފިޔާއިން ލިބުނު އާމްދަނީގެ ހިމަނައިގެން ޖުމްލަ ނިމިދިޔަ އަހަރު ޖުމްލަ 27.89 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
މީރާގެ ތަފާސް ހިސާބުތަކާއެކު، މިދިޔަ ހަފްތާގައި އެމްއެމްއޭއިންވަނީ ދައުލަތުގަރި ރިޒާވުގައި މިދިޔަ އަހަރުގެ ނިޔަލަށް 63 މިލިޔަން ޑޮލަރު ހުރިކަން ހާމަކުރައްވާފައެވެ. އަދި 100 ރުފިޔާގެ އައު ނޯޓެއް އެއިދާރައިން ވަނީ ނެރެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މިދިޔަ ހަފްތާގައި އެސްއީޒެޑްގައި ހިންގިދާނޭ އިޤްތިޞާދީ މަސައްކަތްތަކުގެ ތެރެއަށް ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްޤީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫޢުތައް އިތުރު ކުރުމަށް ވަނީ ނިންމަވާއެވެ.
މިދިޔަ ހަފްތާ ތެރޭގައި ސަރުކާރުން ވުޒާރާތަކުން އަދި އިދާރާތަކުން ބައެއް ކަންކަމާއި ގުޅޭ އަދާހަމަތައްވެސް ވަނީ ދީފައެވެ.
މިގޮތުން ގެދޮވެރުވެރިޔާ ފްލެޓް ލިސްޓު ރޯދައިގެ ކުރިން ޢިއުލާން ކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަން ވަނީ ހާމަކުރައްވާފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއް ކަމަށްވާ ކައުންސިލްތައް ބާރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން ރ. އިނގުރައިދޫ، ލ. މާވަށް އަދި ދ. އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް ރަށެއް ދިނުމަށް ވަނީ ނިންމާފައެވެ.
ވުޒާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން ތިމާވެއްޓާ ބެހޭ ވަޒީރު، ބައިނަލްއަޤްވާމީ އިޔާދަކުރަނިވި ހަކަތައާއި ބެހޭ ޖަމީއްޔާ(އައިރީނާ) ގެ 15 ވަނަ އަހަރީ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވިއެވެ. މި ތަޤުރީރުގައި ރާއްޖޭގައި 170 މެގަވޯޓު އިޔާދަކުރަނިވި ހަކަތަގެ މަޝްރޫޢުތައް ކުރިއައަށް ހިންގުމަށް ރާވާފައިވާކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ސަރުކާރުން ޚާރިޖީ ސިޔާސަތައް ބަދަލު ގެނެސްފައި ނުވާކަން ފާހަގަކޮށްފައިވާއިރު، 1600 އަހަރުވެފައިވާކަމަށް ބެލޭވޭ ބޮޑުބަޑިއެއްވެސް މިދިޔަ ހަފްތާ ތެރޭ މާލެއިން ފެނިފައިވެއެވެ. މިއާއެކު މަޖިލީލުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާ އިލެކްޝަންސް ކޮމިޝަނާއި ބްރޯޑްކޮމްއަށް މެންބަރުން ވަނީ އައްޔަންކުރައްވާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ އަހަރު އެކަނިވެސް 5613 ބިދޭސީން ޑީޕޯޓް ކޮށްފައިވާއިކަންވެސް ހާމަކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ހަރުދަނާ ކުރަން ޖެހޭކަން ފާހަގަކޮށް މެންބަރުން ޕާޓީތަކަށް ވެއްދުން ވަގުތީގޮތުން މެދުކަނޑާލިކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.