ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި، ހިންގުމުގެ ނިޒާމުގައި އެޤައުމުން ހޯދާފައިވާ ކާމިޔާބީތަކުން ރާއްޖެއަށް ފިލާވަޅުތަކެއް ލިބުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުްމްހޫރިއްޔާ މިހެން ވިދާޅުވީ އެސްޓޯނިއާ ދަތުރުފުޅު ނިންމަވާލައްވާ ފުރާވަޑައިގަތުމުގެ ކުރިން މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެސްޓޯނިއާގެ ވެރިރަށް ޓަލިންއިން ފުރާވަޑައިގަންނަވަމުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިމިގެންދާއިރު، މި ދަތުރުފުޅުގެ ތެރެއިން ލިބުނު ކުރިއެރުންތަކަކީ އުއްމީދީ ކުރިއެރުންތަކެއް ކަމަށެވެ. އަދި އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާއި އެޤައުމުގެ ސަރުކާރާއި ރައްޔިތުން އެމަނިކުފާނާއި ރާއްޖޭގެ ވަފުދައް ދެންނެވި ހޫނު މަރުހަބާއަށާއި، އަދާކުރެއްވި މެހެމާންދާރީއަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދަތުރުފުޅާއެކު ޚާރިޖީ ގުޅުންތަކުގެ އައު ޒަމާނެއް ފެށިގެންގޮސްފައިވާ ކަަމަށެވެ. އެގޮތުން މި ދަތުރުފުޅުގެ ތެރެއިން ބޭއްވި ފައިދާކުރަނިވި ބައްދަލުވުންތަކާއި އަދި ދެ ޤައުމުގެ ދެމެދު ސޮއިކުރެވުނު ފަހުމުނާމާތަކުން މިކަން ކަށަވަރުވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިންވަނީ ފަންނިއްޔާތުގެ ދާއިރާއިންނާއި، ތިމާވެށީގެ ދާއިރާއިންނާއި ސިޔާސީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާގައި ސޮއިކުރައްވާފައެވެ.
އެސްޓޯނިއާއަކީ ފަންނިއްޔާތުގެ ދާއިރާގައި ދުނިޔޭގައިވެސް އެންމެ ބޮޑަށް ކުރިއަރާފައިވާ ޤައުމުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މިއީ ހަރުދަނާ އަދި ދެފުށް ފެންނަ ހިންގުމުގެ ނިޒާމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކުރިއެރުންތަކެއް ކަމަށެވެ. އަދި މިއީ، އިދާޖީ ބަދަލުތަކެއް ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަންކަމުން ރާއްޖެއަށް ގިނަ ފިލާވަޅުތަކެއް ދަސްކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި އެސްޓޯނިއާގެ ރައީސަށް ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާ ކުރިއެރުވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މިދަތުރުގެ އެންމެ މުހިންމު އެއް ބަޔަކީވެސް އެކަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަންނިއްޔާތުގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ އެސްޓޯނިއާއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާގެ ސަރުކާރުގެ އިސް ފަރާތްތަކާއި އެ ޤައުމުގެ އިޖާދީ ފަންނިއްޔާތުގެ ދާއިރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާލައްވާފައެވެ.