ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ކުއާޓާ ފައިނަލަށް


ރެއާލް ބެޓިސް ބަލިކުރުމަށްފަހު ސްޕެނިޝް ކަޕުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ބާސެލޯނާއިން ހޯދައިފި އެވެ. ބާސެލޯނާ މި މެޗު ކާމިޔާބު ކޮށްފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނިޓުގައި ބާސެލޯނާގެ ގަވީ ވަނީ ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ.

އަދި މެޗުގެ 27 ވަނަ މިނިޓުގައި ޖޫލްސް ކޯންޑޭ ވަނީ އިތުރު ލަނޑެއް ޖަހާ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. އަދި 67 ވަނަ މިނިޓުގައި ފެރަން ޓޯރެސް ލަނޑެއް ޖަހާފައިވަނިކޮށް ލަމީން ޔަމާލް ވަނީ 75 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާފަ އެވެ.

ރެއާލް ބެޓިސް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ވިޓަރ ރޯގް އެވެ.

މި މުބާރާތުގައި ރޭ އެތްލެޓިކޯ މެޑްރިޑް ވަނީ އެލްޗޭ އާއި ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.