ޚަބަރު

ކޮމިއުނިޓީ ރީހެބިލިޓޭޝަން ހިންގާނީ ޑިޓޮކްސް ސެންޓަރުތަކާއެކު: ލުބްނާ


  • މުޖްތަމަޢުގައި ބައިތިއްބައިގެން ފަރުވާ ދިނުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން

  • މި ފަރުވާ ހޮސްޕިޓަލްތައް މެދުވެރިކޮށް ފަށާނީ ޑޮކްޓަރުންގެ އެހީގައި

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖްތަމަޢުގައި ބައިތިއްބައިގެން ދޭ ކޮމިއުނިޓީ ރީހެބިލިޓޭޝަން ފަރުވާ ދޭނީ ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ބަންދުނުކޮށް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު އެއް މައްސަލައެވެ. މިމައްސަލައަށް އެކަށީގެންވާ ހައްލެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުފުޅެކެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ އިންތިޒާމް ހަމަޖެހުމަކީ އެންމެ މުހިންމު ހައްލު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވީ، މުޖްތަމަޢުގައި ބައިތިއްބައިގެން ފަރުވާ ދިނުމުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެކަމަށެވެ. މިފަރުވާ ފެށުމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން މިހާރު ހުއްދަ ދީފައިވާއިރު، މިފަރުވާ ރަށްރަށުގައި ކުރިއަށްގެންދާނީ ޑޮކްޓަރުންގެ އެހީތެރިކަމާއެކު ކަމަށް އެންޑީއޭގެ ޗެއަރޕާސަން އަދި ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވިއެވެ.

ލުބުނާ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖްތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާގެ އެންމެ ފުރަތަމަ ފިޔަވަޅަކީ، ޑިޓޮކްސިފިކޭޝަން ކަމަށެވެ. އެގޮތުން މި ފަރުވާ ހޮސްޕިޓަލްތައް މެދުވެރިކޮށް ފަށާނީ، ޑޮކްޓަރުންގެ އެހީގައި ބޭސް ދީގެން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މެޑިކަލީ އެސިސްޓެޑް ޓްރީޓްމެންޓް މި ފަށަނީ ޑޮކްޓަރުންނާއި ގުޅިގެން ބޭހުގެ ޒަރީއްޔާއިން. އޭގެ މާނައަކީ ބެލެނިވެރިންނަށް ގޭގައި ނުބެލެހެއްޓޭ ކުދިން، ގޭގައި ބަހައްޓައިގެން ފަރުވާއެއް ނުދޭނެއޭ. އޭގައި އެކުއްޖާ އަދި ބެލެނިވެރިޔާގެ ޗޮއިސް ބަލާފައި މިހާރުވެސް ކުދިން ނަގާގޮތަށް ނުވަތަ ކުދިން ފަރުވާ މޯޓިވޭޓް ކޮށްގެން ގެންނަ ގޮތަށް ނޫނީ ހަމަ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައިގެން ފަރުވާ ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. " ލުބްނާ ވިދާޅުވިއެވެ.

މިގޮތަށް ފަރުވާ ދޭން ފެށިނަމަވެސް މިހާރު ހިންގަމުންދާ ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ބަންދު ނުކުރާނެ ކަމަށް އެންޑީއޭއިން ވިދާޅުވެއެވެ. ޑިޓޮކްސިފިކޭޝަން ސެންޓަރުތަކުގައި މިހާރު ދެމުންދަނީ މެތަޑޯން ފަރުވާއެވެ. ނަމަވެސް މުޖްތަމަޢުގައި ބައިތިއްބައިގެން ދޭ ފަރުވާ ދޭނީ ޑޮކްޓަރުންގެ އެހީގައި ބިއުޕްރިނޯފިން ދީގެން ކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.

މުޖްތަމަޢުގައި ބަހައްޓައިގެން ފަރުވާ ދިނުމަށް މަޖުބޫރު ނުކުރާނެ ކަމަށް އެންޑީއޭއިން ވިދާޅުވިއެވެ. މިއާއެކު ފަރުވާގެ ނިޒާމަށް މީހުން ނަގާނީ އެކަމުގެ އެސެސްމެންޓު ހެދުމަށް ފަހު ކަމަށް އެންޑީއޭއިން ވިދާޅުވިއެވެ.

މީގެ ސަބަބުން ފަރުވާގެ ނިޒާމު ހަރުދަނާވެ މަސްތުވާތަކެތީގެ ސެންޓަރުގައި ބައިތިއްބައިގެން ފަރުވާދޭންޖެހޭ ފަރާތްތަކަށް ފަރުވާ ނިޒާމުގެ ތެރެއިން އަވަހަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗެއަރޕާސަން ލުބްނާ ވިދާޅުވީ މުޖްތަމަޢުގައި ބަހައްޓައިގެން ފަރުވާ ދިނުމުގެ ނިޒާމު ޤާއިމް ކުރެވޭއިރު ސައިކޯ ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމު ވަރުގަދަ ކުރަންޖެހޭކަމަށެވެ. އެހެންކަމުން އެކަމަށް މީހުން ބިނާކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ލުބްނާ ވަނީ ފަރުވާގެ ނިޒާމުގެ ތެރޭގައި ރިކަވަރީ ސަޕޯޓު ދޭނެ ޖަމްޢިއްޔާތައް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

"މިއާއެކު އަޅުގަނޑުމެންނާއެކު މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާނެ މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގެ ތެރޭގައި ރިކަވަރީ ސަޕޯޓް ކުރާނެ އެންޖީއޯތައް އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން. ޚާއްސަގޮތެއްގައި. މިއަހަރު ތެރޭ މިފަދަ އެންޖީއޯތަކަށް ފައިނޭންޝަލް ސަޕޯޓް ދެވޭނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތްތައް ބައްޓަން ކުރަމުން އެމަސައްކަތްވެސް އަޅުގަނޑުމެން، މިހާރު ބޯޑުން އެބަކުރިއަށް ގެންދަން. ރައީސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެއްބާރުލުންދެއްވާ، މިކަން ކުރެވޭނެ ގޮތަށް މަގުފަހިކޮށްދެއްވާފައި އޮތީ" ލުބްނާ ވިދާޅުވިއެވެ.

މުޖްތަމަޢުގައި ބައިތިއްބައިގެން، ފަރުވާ ދިނުމުގެ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ޑިޓޮކްސިފިކޭޝަން ފަރުވާ ދިނުމަށް ސެންޓަރުތަކުގައި ޖާގައިގެ ދަތިކަން އޮވެއެވެ. އެހެންވުމުން ފަރުވާއަށް އެދި ތިބޭ ފަރާތްތަކުގެ ކިއު ދިގުވެ އެކަށީގެންވާ ގޮތެއްގައި ނިޒާމު ނުހިގުމަކީ ސަރުކާރުގެ ކަންބޮޑުވުމެކެވެ. މިއާއެކު ސަރުކާރުން ސެންޓަރުތަކުގެ ސްޓަރަކްޗަރއަށް ބަދަލު ގެނެސް މި ނިޒާމުގެ ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.