ޚަބަރު

ޙިޒްބުالله ބާކީ ކުރަން ބޭނުން ނުވާ ކަމަށް ލުބްނާނުގެ އައު ބޮޑުވަޒީރު އިޝާރާތް ކުރައްވައިފި


ހުރިހާ އެންމެނާ ގުޅިގެން މަސަައްކަތް ކުރަން ބޭނުންވާ ކަމަށާއި ބާކީ ކުރުމާއި ބައިބައިވުމާ ދެކޮޅު ކަމަށް ލުބްނާނުގެ އައު ބޮޑުވަޒީރުގެ މަޤާމަށް އިންތިޚާބު ކޮށްފައިވާ ނަވާފް ސަލާމް ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވެފައި މި ވަނީ ލުބްނާނުގެ ސިޔާސީ ޕާޓީތަކާއި ސަރުކާރުން ޙިޒްބުالله ޖަމާޢަތް ބާކީ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައި ވަނިކޮށެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ ރައީސްގެ މަޤާމުގައި ހުންނެވި ސަލާމް ބޮޑުވަޒީރުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ 128 މެންބަރުންގެ މައްޗަށް އެކުލެވިފައިވާ ލުބްނާނުގެ ޤާނޫނުހަދާ މަޖިލީހުގެ 84 މެންބަރުންގެ ވޯޓާ އެކުގައެވެ. އޭނާއަށް ރުހުން ދެއްވި މެންބަރުންގެ ތެރޭގައި ނަޞާރާ އަދި ޑުރޫޒު ޕާޓީތަކަށް ނިޞްބަތްވާ މެންބަރުންނާއި ސުންނީ މުސްލިމު މެންބަރުން ވެސް ހިމެނެއެވެ. އޭގެ އިތުރުން އިޞްލާޙީ މަސައްކަތަށް ހިތްވަރު ދޭ މެންބަރުން ވެސް ހިމެނެއެވެ. އެ މެންބަރުންނަކީ ޙިޒްބުالله ޖަމާޢަތުން ހަތިޔާރު ބަހައްޓަން ޖެހޭ ކަމަށް ވަކަލާތު ކުރާ މެންބަރުންނެވެ.

ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާގައި ޙިޒްބުاللهއާއި އެ ޖަމާޢަތަށް ވާގިވެރިވާ ޝީޢީންގެ ޢަމަލް މޫވްމަންޓުން ބޮޑުވަޒީރުގެ މަޤާމަށް އެއްވެސް ނަމެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން ރައީސް ޢައޫންގެ ސަރުކާރުގައި އެ ދެ ޕާޓީން ބައިވެރިވާން ބޭނުން ނުވާ ކަން ހާމަވެގެން ދެއެވެ. ބެލެވޭ ގޮތުގައި މިދިޔަ ހަފުތާގެ ތެރޭގައި ލުބްނާނުގެ ރައީސްގެ މަޤާމަށް ޖޫޒީފް ޢައޫން ޢައްޔަނު ކުރުމަށް ޙިޒްބުاللهން ތާޢީދު ކުރިއިރު އެ ޖަމާޢަތަށް ޤަބޫލު ކުރެވިފައި އޮތީ ބޮޑުވަޒީރުގެ މަޤާމުގައި އޭރު ހުންނެވި ނަޖީބު މީޤާތީއަށް އެ މަޤާމުގައި ދެމިހުންނަވާނެ ކަމަށެވެ. އެހެންކަމުން ބޮޑުވަޒީރުގެ މަޤާމަށް ސަލާމް އިންތިޚާބު ކުރުން ވެގެން ގޮސްފައި މި ވަނީ ޙިޒްބުاللهއާ އެކު ވެފައިވާ އެއްބަސްވުމަކާ ޚިލާފުވެފައިވާ ކަމަށް އެ ޖަމާޢަތަށް ޤަބޫލު ކުރެވޭ ފަދަ ޙާލަތަކަށެވެ. ޙިޒްބުاللهން ޤަބޫލުކުރާ ގޮތުގައި އިިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަމުން ދަނީ އެ ޖަމާޢަތް ބާކީ ކޮށްލުމަށެވެ.

ސަރުކާރު އެކުލަވާލުމުގެ މަސްޢޫލިއްޔަތާ ޙަވާލުވެވަޑައިގަތުމަށް ފަހު ސަލާމް ވިދާޅުވީ ޔަހޫދީ ދައުލަތާއި ޙިޒްބުاللهއާ ދެމެދު މިދިޔަ އަހަރު ކުރި ހަނގުރާމައަށް ފަހު ޤައުމު އަލުން އާރާސްތުކޮށް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޢަދުލުވެރިކަމާއި ސަލާމަތާއި ތަރައްޤީއާއި ފުރުޞަތުތަކުގެ މައްޗަށް ބިނާ ކޮށްފައިވާ އައު ބާބެއް ލުބްނާނުގައި ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަހޫދީ ދައުލަތާ ގުޅޭގޮތުން ސަލާމް ވިދާޅުވީ ޤައުމު އާރާސްތުކުރުމަށް އދގެ 1707 ނަންބަރު ޤަރާރާއި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ފުރިހަމައަށް ތަންފީޒު ކުރަން ޖެހޭ ކަަމަށެވެ. އަދި ލުބްނާނުގައި ތިބި ދުޝްމަނުންގެ ފައުޖުތައް އެ ޤައުމުން މުޅިން ފައިބަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރުގެ މަޤާމަށް ސަލާމް ޢައްޔަނު ކުރުމަކީ ޙިޒްބުاللهއަށް ބަލިކަށިކަން ގެނެސްދޭނެ ކަމެކެވެ. މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީ ދައުލަތާއި ލުބްނާނާ ކުރި ހަނގުރާމައިގެ ސަބަބުންނާއި ޙިޒްބުاللهއަށް ވާގިވެރިވި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުގެ ސަބަބުން ޙިޒްބުاللهގެ ހައިބަތާއި ބާރު މިހާރު ވެސް ވަނީ ގެއްލިފައެވެ.