ޚަބަރު

ވަގަށް ނަގައިގެން ރިޕޯޓްކުރި 19.2 މިލިއަން ރުފިޔާގެ ތަކެތި އަނބުރާ ހޯދުނު: ފުލުހުން


  • ވަގަށް ނަގާފައިވާ ސާމާނުގެ އަދަދު 1653 އަށް އަރާ

ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ 19.2 މިލިއަން ރުފިޔާގެ ތަކެތި އަނބުރާ ހޯދުނުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިިކަން ހާމަކުރައްވާފައި ވަނީ މާލެ ސިޓީ ޕޮލިހުގައި ހިމެނޭ މާލެ ފްރަންޓްލައިން ޕޮލިސިން، ތިލަމާލެ ޕޮލިސް އަދި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބުތަކުގައެވެ.

ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު، ފާއިތުވި އަހަރު ވަގަށް ނަގާފައިވާ 1653 އެއްޗެއް ހޯދާފައިވެއެވެ. އަދި މިތަކެތީގެ އަގު 19.2 މިލިއަން ރުފިޔާއަށް އަރާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ހޯދި ތަކެތީގެ ތެރޭގައި 206 މޯބައިލް ފޯނު، 253 މޮޓޯ ސައިކަލް، 107 އިލެކްޓްރޯނިކް ސާމާނު އަދި އެހެނިހެން 333 އައިޓަމް ހިމެނޭކަމަށެވެ. މީގެއިތުރުން 374 މައްސަލައެއްގައި ހިމެނޭ 3.5 މިލިއަން ރުފިޔާގެ ނަގުދު ފައިސާވެސް ހޯދިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހަށް ކުށުގެ 5242 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ވައްކަމުގެ 2290 މައްސަލަ، އެކްސިޑެންޓުގެ 2025 މައްސަލަ، ފޭރުމުގެ 414 މައްސަލަ، މަސްތުވާތަކެތީގެ 236 މައްސަލަ އަދި މާރާމާރީގެ 358 މައްސަލަ ހިމެނެއެވެ.

ތަހުގީގުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 9،154 މައްސަލަ ހުށަހެޅުނުއިރު، އޭގެތެރެއިން 7،157 މައްސަލަ ވަނީ ކޭސްއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ތަހުޤީގުކޮށްފައެވެ. އަދި 6،645 މައްސަލައެއްގެ ތަހުޤީގުކޮށްފައިވާއިރު، 64 މައްސަލައެއް ވަނީ ދައުވާކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައެވެ. އަދި މި މައްސަލަތަކާއި ގުޅިގެން 1000 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އޭގެ ތެރެއިން 805 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.