ޚަބަރު

އެމްއެމްއޭއިން އަލަށް ޗާޕުކުރި 100 ރުފިޔާގެ ނޫޓުތައް މިމަހު 19ގައި ނެރެނީ


  • 100 ރުފިޔާގެ ނޫޓު އަލަށް ޗާޕުކުރީ ސްޓޮކް މަދުވުމުން

  • ސޮއިކޮށްފައިވަނީ ކުރީގެ ގަވަރުނަރ އަލީ ހާޝިމް

ސްޓޮކް މަދުވުމުގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އަލަށް ޗާޕުކޮށްގެން ގެނައި 100 ރުފިޔާގެ އައު ނޫޓު މިމަހުގެ 19 ވަނަ ދުވަހު ނެރޭނެކަމަށް އެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ، އަލަށް ނެރޭ ނޫޓުތައް ޗާޕުކޮށްފައިވަނީ 7 ޖުލައި 2024 ކަމަށާއި މިނޫޓުތައް ޗާޕުކޮށްގެން އެމްއެމްއޭއަށް ގެނެސްފައިވަނީ 15 ޑިސެމްބަރ 2024 ގައި ކަމަށެވެ.

މި ނޫޓުގައި ސޮއިކުރައްވާފައިވަނީ، ކުރީގެ ގަވަރުނަރު އަލީ ހާޝިމެވެ. އަލަށް ނެރޭ މިނޫޓުތަކުގެ ދެފަރާތުގައިވަނީ ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައެވެ.

އެމްއެމްއޭއިން ވިދާޅުވީ، އަލަށް ނެރޭ ނޫޓާއެކު މިހާރު ބޭނުންކުރަމުންދާ 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެކަމަށެވެ.

"ރަންދިހަ ފަހެއް"ގެ ނަމުގައި އައު ނޫޓު ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ދިވެހި ރުފިޔާގެ އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.

މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.