ޚަބަރު

މޫސުން ގޯސްވާނެކަމަށް ބެލެވޭތީ މާލޭގެ އެކި ގޭބިސީތަކުގައި 3500 އަށްވުރެގިނަ ވެލި ބަސްތާ ޖަހައިފި


  • ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ޚާއްސަ ޓާސްކް ފޯހެއް ވަނީ އުފައްދަވާފައި

  • ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދުދެއްވާ

ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ މާލޭގެ ގޭބިސީތަކުގައި ވެލިބަސްތާ ޖެހުމަށް، ކަމާއި ގުޅުންހުރި އިދާރާތަކުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3500 އަށްވުރެ ގިނަ ގޭބިސީތަކުގައި ވެލި ބަސްތާ ޖަހައިފިއެވެ.

މިއޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މާލެ ސިޓީ ކައުންސިލުންނެވެ.

މިހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ. މޫސުން ގޯސްވެ ގޭބިސީތަކަށް ފެންވަދެގެން މާލެ ސިޓީގައި މިމަހުގެ ކުރީކޮޅުވެސް ގިނަ ގޭބިސީތަކަކަށް ގެއްލުން ލިބިގެންވަނީ ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީން ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަ ކުރާނެކަމަށް ބެލެވޭތީ، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ކަމާއި ގުޅޭ އިދާރާތަކުންދަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވަނީ ސީޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި ގުޅިގެން އާއްމުންނަށް ވެލި ބަސްތާ ދޫކުރުމުގެ މަސައްކަތް ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ބިމުގައި ކުރިއަށްގެންގޮސްފައެވެ.


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންވަނީ މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލޭގެ އެކި ގޭބިސީތަކުގައި 1033 ވެލި ބަސްތާ ޖަހައިދީފައެވެ. އަދި މާލެ ސިޓީ ކައުންސިލުންވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 2500 އަށްވުރެ ގިނަ ވެލި ބަސްތާ ގޭބިސީތަކުގައި ޖަހައިދީފައެވެ.

މީގެ އިތުރުން ގޭބިސިތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުންވެސްވަނީ ކުރިއަށްގެންދަވާފައެވެ. މިއާއެކު 3500 އަށްވުރެ ގިނަ ގޭބިސީތަކުގައި މިހާތަނަށްވަނީ ވެލި ބަސްތާ ޖަހާފައެވެ.


ރާއްޖޭގެ އިރުން، ބޭ އޮފް ބެންގާލްގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑުދަނީ ރާއްޖެއާއި ގާތަށް ޖެހެމުންކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ ވިދާޅުވެފައެވެ. މިއާއެކު ރާއްޖެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ވިއްސާރަ ވިލާ އުފެދެމުންދާކަމަށާއި ހޯމަ ދުވަހުގެ ރެއިން ފެށިގެން ރާއްޖެއަށް ވިއްސާރަކުރާނެކަމަށް މެޓު އޮފީހުންވަނީ ލަފާކުރައްވާފައެވެ.

ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު ޚާއްސަ ޓާސްކް ފޯހެއް ވަނީ އުފައްދަވާފައެވެ. މި ޓާސްކް ފޯހުގައި ހިމެނެނީ އެމްއެންޑީއެފްއާއި، ފުލުހުންގެ އިތުރުން އެންޑީއެމްއޭއެވެ.