ޚަބަރު

އޭޑީކޭގެ އެޗް.ޑީ.ޔޫ ރަސްމީކޮށް ހުޅުވައިފި


އޭޑީކޭ ހޮސްޕިޓަލްގައި ހައި-ޑިޕެންޑެންސީ ޔުނިޓެއް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޔުނިޓަކީ އިންޓެންސިވް ކެއަރ ޔުނިޓު - އައިސީޔޫއަށް ކޮންމެހެން ލާން ނުޖެހޭ، ޚާއްސަ އެހީތެރިކަމާއި އަޅާލުމަށް ބޭނުންވާ ބަލިމީހުންނަށް ފަރުވާދިނުމަށް ޚާއްސަކޮށްގެން ޤާއިމްކޮށްފައިވާ ޔުނިޓެކެވެ. އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައި ޑިޕެންޑެންސީ ޔުނިޓު ހުޅުއްވައިދެއްވީ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗެއާރޕާސަން އަދި ސިއްޙީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަނީސާ އަޙުމަދެވެ.

ހައި ޑިޕެންޑެންސީ ޔުނިޓު ޤާއިމްކޮށްފައިވަނީ ބާރަ އެނދާއެކު ކަމަށް އޭޑިކޭ ހޮސްޕިޓަލުން ވިދާޅުވެއެވެ. އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލް ވިދާޅުވީ، މިއީ ހައި ޑިޕެންޑެންސީ ޔުނިޓެއް އެންމެ ގިނަ އެނދާއެކު ރާއްޖޭގެ ހޮސްޕިޓަލެއްގައި ޤާއިމްކުރި ފުރަތަމަ ފަހަރު ކަމަށެވެ. އައްފާލް ވިދާޅުވީ، އެ ޔުނިޓުގައި ތިބޭ ބަލި މީހުން ކައިރިން މޮނިޓަރ ކުރެވޭނެ ސިސްޓަމް ޤާއިމްކޮށްފައިވާ ކަމަށެވެ. ހައި ޑިޕެންޑެންސީ ޔުނިޓު ޤާއިމްކޮށްފައިވާ 12 އެނދުގެ ތެރެއިން 2 އެނދެއް ޚާއްސަކޮށްފައިވަނީ އިންފެކްޝަންއެއް ޖެހުމުގެ ފުރުސަތު އޮތް ބަލިމީހުންނަށާއި ބޮޑެތި ސަރޖަރީކޮށްފައިވާ ބަލިމީހުންނަށް ކަމަށެވެ. މީގެ އިތުރަށް ކަކޫ ރިޕްލޭސްމަންޓް ހަދާފައިވާ މީހުންނާއި، ޑެންގީ ޖެހިގެން ފަރުވާ ބޭނުންވާ މީހުންނަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އައްފާލް ވިދާޅުވިއެވެ.

އޭޑިކޭ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗެއާރޕާސަން އަނީސާ އަޙުމަދު ވިދާޅުވީ، ބަލިމީހާއަށް ބޭނުންވަނީ ހަމައެކަނި މެޑިކަލް ކެއަރ ނޫން ކަމަށާއި ނަފްސާނީ ދުޅަހެޔޮ ބަޔަކަށް ހެދުމަށް، މިފަދަ ޔުނިޓެއްގައި ޚިދުމަތް ދިނުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14671873999834.jpg|އަނީސާ އަހުމަދު، އޭޑީކޭގެ އެޗްޑީޔޫ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ

އަނިސާ ވިދާޅުވީ، ހައި ޑިޕެންޑެންސީ ޔުނިޓެއް އޭޑިކޭ ހޮސްޕިޓަލްގައި ޤާއިމްކުރެވިގެން ދިއުމުން ބަލިމީހާ، އޭނާގެ އާއިލާއާ ވަކިނުކޮށް ފަރުވާ ދެވިގެންދާނެ ކަމަށެވެ.

ހައި ޑިޕެންޑެންސީ ޔުނިޓަކީ، އައިސީޔޫއަށް ވުރެ އެއް ދަރަޖަ ދަށް އަދި ޢާންމު ވޯޑުތަކުގައި ދޭ ޚިދުމަތަށްވުރެ މަތީ ޚިދުމަތެއް ދޭ ޔުނިޓެކެވެ. އެ ޔުނިޓުގައި އެޑްމިޓްކޮށްފައި ތިބޭ ބަލިމީހުންނަށް ގާތް ތިމާގެ މީހުންނާއި ރަށްޓެހިންނަށްވެސް ޒިޔާރަތްކުރެވޭނެ ކަމަށް އޭޑިކޭ ހޮސްޕިޓަލުން ވިދާޅުވެއެވެ. މިއީ އޭޑިކޭ ހޮސްޕިޓަލްގެ ޚިދުމަތްތަށް އިތުރަށް ފުޅާކުރައްވާ ތަރައްޤީކުރުމަށް އެ ހޮސްޕިޓަލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަށާރަ ޕޮއިންޓް ދޭއް މިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން ޤާއިމްކޮށް ހުޅުވި ޔުނިޓެކެވެ.