ކުޅިވަރު

އޮލްމޯގެ މައްސަލަ ހިފައިގެން ސްޕެނިޝް ލީގުން ކޯޓަށް


ސްޕެއިން ސަރުކާރުން ބާސެލޯނާގެ ޑެނީ އޮލްމޯ އާއި ޕައު ވިކްޓަރ އެއް ސީޒަނެއްގައި ތަކުރާރުކޮށް ރަޖިސްޓަރ ކޮށްދިން މައްސަލައާ ދެކޮޅަށް ކޯޓަށް ދާން ސްޕެނިޝް ލީގާއި، އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ.

ލީގާއި ފެޑަރޭޝަނުން އޮލްމޯގެ ރަޖިސްޓަރ ކޮށްނުދިނީ ކުޅުންތެރިޔާ ދާއިމީ ކުރަން ދީފައިވާ މުއްދަތުގައި ބާސެލޯނާއަށް އެކަން ނުކުރެވުމުންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް ބާސެލޯނާއަށް އެކަން ނުކުރެވުނީ ލީގުގެ މާލީ ގަވާއިދުތަކަށް އެ ކުލަބު ނުފެތުމުންނެވެ. އެއާއެކު އެ ދެ ކުޅުންތެރިން ވަނީ ރަޖިސްޓަރީން އުނިކޮށްފައެވެ. އަލުން ރަޖިސްޓަރ ކުރަން ގަވާއިދު ތަނެއްނުދެއެވެ.

އެއާއެކު ކުޅުންތެރިން ރަޖިސްޓަރ ކުރާ ލީގުގެ ގަވާއިދަކީ މިހާރަށް ފެތޭ އެއްޗެއް ނޫން ކަމަށް ބުނެ ބާސެލޯނާއިން ވަނީ މި މައްސަލަ ހުށަހަޅާފައެވެ. ދަށު ކޯޓުތަކުންނާއި ލީގާއި ފެޑަރޭޝަނުން އެކަން ކޮށްދޭން ދެކޮޅު ހެދި ނަމަވެސް، ބާސެލޯނާ އަށް ކާމިޔާބުވީ ސްޕެއިންގެ ކުޅިވަރު ކަންކަން ނިންމާ އެންމެ މަތީ ކައުންސިލް ކަމަށްވާ ސްޕްރީމް ސްޕޯޓްސް ކައުންސިލުން ދެ ކުޅުންތެރިން ރަޖިސްޓަރ ކުރުމަށް ވަގުތީ ހުއްދައެއް ދިނުމުންނެވެ.

ސްޕެނިޝް ލީގުން އެ މައްސަލަ އަލުން ކޯޓަށް ގެންދަން ނިންމީ މިހާތަނަށް އަމަލުކުރަމުން އައި ގަވާއިދާ ހިލާފަށް ކަންކަން ހިނގައި ދިއުމުން އެ ގަވާއިދުގެ ދިފާއުގައެވެ. ލީގުގެ ރައީސް ހާވިއޭ ޓެބާސް ބުނީ މިއީ ގަވާއިދަށް އެންމެން އަލުން އިއާދަވާން ޖެހޭ ވަގުތު ކަމަށެވެ. ސްޕްރީމް ކައުންސިލުން ކަންކަން ނިންމާފައިވަނީ އެއް ފަރާތުން ދެއްކި ވާހަކަ އަޑުއަހާފައި ކަމަށާއި، އެހެންވެ ކޯޓުގައި އެދޭނީ ސްޕްރީމް ކައުންސިލްގެ ނިންމުން ބަދަލުކޮށްދިނުމަށް ކަމަށެވެ.

ސްޕެނިޝް ލީގުގެ އިތުރުން މި މައްސަލަ ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުންވެސް ކޯޓަށް ގެންދާނެއެވެ. އަދި މިހާރު ނިންމާފައިވަނީ އެއާ އެކުއެކީގައި މައްސަލަ ސްޕްރީމް ކައުންސިލުން އަލުން ބަލައިދޭން އެދުމަށެވެ.

މި މައްސަލާގައި ސްޕެނިޝް ލީގުގެ ގިނަ ކުލަބުތަކުން ތިބީ ބާސެލޯނާއާ ދެކޮޅަށެވެ. އެގޮތުން އެތުލެޓިކޯ މެޑްރިޑުން ވަނީ ބަޔާނެއްވެސް ނެރެފައެވެ. ސެވިއްޔާގެ ރައީސް ވަނީ މައްސަލަ ނިންމި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް ރެއާލް މެޑްރިޑް އޮތީ ބާސެލޯނާއަށް ތާއީދުކޮށްގެންނެވެ. އެ ކަމާހެދި ޓެބާސް ވަނީ ރެއާލް މެޑްރިޑަށްވެސް ފާޑު ކިޔާފައެވެ.

މި މައްސަލަ މިހެން އޮއްވައި އާދިއްތަ ދުވަހުގެރޭ ކުޅޭ ސްޕެނިޝް ސުޕަ ކަޕްގައި އޮލްމޯ ކުޅޭގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ. އޭރުން މުޅި ގަވާއިދުގެ ބާރު ކެނޑުނީއެވެ. އަނެއްކޮޅުން އޮލްމޯ ރަޖިސްޓަރ ކުރަން ސްޕްރީމް ކައުންސިލުން ނިންމުން ލަޕޯޓާ ކުޅިވަރުގެ ރޫހާ ހިލާފަށް އުފާފާޅުކޮށް އަމަލުތައް ބެހެއްޓި ކަމަށް ބުނެ އެ މައްސަލަ ޑިސިޕްލިނަރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅަން ކުލަބުތަކުންނާއި ލީގުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންވެއްޖެނަމަ އޭނާގެ މަގާމު ގެއްލުމުގެ ފުރުސަތު އޮންނާނެއެވެ.