ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ


  • ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ

ކުރިއަށް އޮތް ސައުވީސް ގަޑިއިރު ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށާއި، ވަކިން ހާއްސަކޮށް ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އާންމު ވައިވެސް ގަދަވާނޭކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ވިދާޅުވެއެވެ. އަދި އެހެން ހިސާބުތަކަށް އިރާއި އިރުއުތުރުން، ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނަކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ދަނީ މިއަދު ހެދުނުން ފެށިގެން ސަމާލުތައް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލެކެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 16:00 އިން 22:00 އަށެވެ. މެޓް އޮފީހުން ވިދާޅުވީ މި އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކުރެވޭކަމަށެވެ.

ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާމެދު ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ.

ޢާންމުގޮތެއްގައި ރާއްޖޭގެ ދެކުނުގެ ހިސާބުތަކުގައި ކަނޑުތަކުގެ ރާޅުގެ އުސްމިން 2 ފޫޓާ 5 ފޫޓާއި ދެމެދުގައި ހުރުމާއެކު މެދުރާއްޖެތެރެއާއި އުތުރުގެ ހިސާބުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނުގައި ހުންނާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

މިވޭތުވެދިޔަ 24 ގަޑިއިރު ކުރި ވިއްސާރައަށް ބަލާއިރު 148.6 މިލިމީޓަރުގެ ވާރެއާއެކު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގއ.ގެމަނަފުއްޓަށެވެ.