ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު، މިހާތަނަށް ގުނައި ރިޕޯޓު ކޮށްފައިވާ އަދަދަށް ވުރެ %41އަށްވުރެ އިތުރުވާނެ ކަން ދިރާސާއަކުން ހާމަވެއްޖެއެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 46,000އަށް އުފުލިފައިވާ ކަން ޣައްޒާގެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
ޣައްޒާ ޢުދުވާން ފަށާފައި ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ.
ޣައްޒާގައި ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދަށް ވުރެ ނަގައިލާފައިވާ ފުރާނަތަކުގެ ޙަޤީޤީ އަދަދު %41އަށްވުރެ މަތިވާނެ ކަން ހާމަކޮށްފައި ވަނީ ދި ލާންސެޓް ޖަރނަލްގައި ޝާއިޢު ކޮށްފައިވާ ދިރާސާއެއްގައެވެ. އެއީ، އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިނާއި، އެމެރިކާގެ ޔޭލް ޔުނިވަރސިޓީ އަދި އެ ފަދަ އިތުރު މުއައްސަސާތަކުން ގުޅިގެން ކޮށްފައިވާ ދިރާސާއެކެވެ.
'ކެޕްޗަރ އެންޑް ރީކެޕްޗަރ އެނެލިސިސް'ގެ ނަން ދީފައިވާ އުކުޅެއް ބޭނުން ކޮށްގެން ކޮށްފައިވާ ދިރާސާ ރިޕޯޓުގައި ބަލާފައި ވަނީ 2023ގެ އޮކްޓޫބަރުން ފެށިގެން 2024ވަނަ އަހަރުގެ ޖޫން މަހާ ދެމެދު ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދުތަކަށެވެ. ދިރާސާގައި ބުނެފައި ވަނީ، ޣައްޒާ ޢުދުވާނުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޙަޤީޤީ އަދަދު 64،260އަށްވުރެ އިތުރުވާނެ ކަމުގައެވެ. އެއީ، ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ގުނައި ޢާންމު ކޮށްފައިވާ އަދަދަށް ވުރެ %41 މަތީ އަދަދެކެވެ.
ދިރާސާ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން، އެ މުއްދަތުގެ ތެރޭގައި ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން %59.1އަކީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި 65 އަހަރުން މަތީގެ އުމޫރުންނެވެ. ޢުދުވާނުުގައި ޝަހީދު ކޮށްލާފައިވާ މުޖާހިދުންގެ އަދަދު ދިރާސާ ރިޕޯޓުގައި ހާމަކޮށްފައެއް ނެތެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ފާއިތުވި 14 މަހުގެ ތެރޭގައި ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 46,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ.
ލާންސެޓްގެ ދިރާސާގައި ހާމަކޮށްފައިވާ ގޮތުން، ޔަހޫދީން ޝަހީދު ކުރަމުންދާ މީހުންގެ ފުރިހަމަ އަދަދު ދެނެގަތުމަށް ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި، ޢުދުވާންތައް ފެށުމުގެ ކުރިން، އުފަންވާ އަދި މަރުވާ މީހުންގެ އަދަދުތައް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ދެނެގަތުމުގެ ޤާބިލު ކަން އެ ވުޒާރާއަށް ލިބިފައި އޮތް ނަމަވެސް، ޢުދުވާނާ ގުޅިގެން އެ ޤާބިލުކަން ނެތިފައިވާ ކަމުގައެވެ.
މި ކަމުގެ ސަބަބެއްގެ ގޮތުގައި ދިރާސާގައި ބުނެފައި ވަނީ، ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ޙަމަލާދީ، ސުންނާފަތިކޮށް ބިމާ ހަމަކޮށްލުމެވެ. އަދި، މުއާޞަލާތީ ޚިދުމަތްތައް ނައްތައިލުމެވެ. ޣައްޒާގައި ޝަހީދު ކޮށްލާފައިވާ ޙަޤީޤީ އަދަދު ދެނެގަތުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އަނެއް ސަބަބަކީ، ޢުދުވާނީ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައިވާ ގެދޮރާއި އެހެނިހެން އިމާރާތްތަކުގެ ދަށުގައި އަދިވެސް އެތަކެއް ހާސް ބަޔެއްގެ ހަށިތައް ތާށިވެ، ގެއްލިފައިވުމެވެ.
"އަޅުގަނޑުމެންގެ ދިރާސާއިން ޣައްޒާގެ ޢުދުވާނުގެ ޙަޤީޤަތް މި އޮތީ ހާމަވެފައި: ޣައްޒާގައި ދެމުންދާ އަނިޔާގައި ނަގައިލާފައިވާ ފުރާނައިގެ [ޝަހީދު ކޮށްލާފައިވާ މީހުންގެ] ފުރިހަމަ އަދަދު ހާމަވެފައި،" ދިރާސާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތް ޒަޔިނާ ޖަމާލުއްދީން ވިދާޅުވިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 46,006އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 109,378 މީހުން ޒަޚަމު ކޮށްލާފައެވެ.