ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެއިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ އިސްފަރާތްތަކާ ވަނީ ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާފައެވެ. އެގޮތުން، އެޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެއިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންއާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ދެ ޤައުމު ގުޅިގެން މުހިންމު ގިނަ ދާއިރާތަކަކުން، ޚާއްސަކޮށް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ޔޫއޭއީން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޚާރިޖީ ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ވަނީ ބައްދަކުރައްވާފައެވެ. އެގޮތުން، ފަތުރުވެރިކަމާއި މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި ދަތުރުފަތުރާއި އުމްރާނީ ތަރައްގީގެ ދާއިރާތަކުން އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ޔޫއޭއީގެ އިންވެސްޓަރުންނާވެސް ޚަރިޖީ ވަޒީރު ބައްދަލުކުރައްވައި މަޝްވަރާތައް ކުރެއްވި ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޔޫއޭއީއަށް ވަޑައިގެންނެވީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ދަތުރުފުޅަކީ އެ ޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެއިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.