ޚަބަރު

ރަޖުނީއަށް ފްލެޓް ލިބުމުގައި އުސޫލާ ޚިލާފު ކަމެއް ހިނގާފައިނުވޭ: ފުލުހުން


  • ރަޖުނީއަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ވަނީ މަސްއޫލިއްޔަތު އެހެން މީހަކާ ހަވާލުކޮށްފި

ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބުއަށް ވިނަރެސް ފްލެޓް ލިބުމުގައި އުސޫލާ ޚިލާފު އަމަލެއް ހިނގާފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ވިނަރެސް ފްލެޓެއް ހޯދިގޮތާމެދު ޝުޢައިބުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކުރައްވާފައެވެ. މި ތަހުގީގާ ގުޅިގެން އޭނާ ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާ ވަނީ ހަވާލުކޮށްފައެވެ.

މިބަދަލު ގެނައީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިވަގުތު ކުރަމުންގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށް ކަމަށް ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ވިދާޅުވީ ރަޖުނީއަށް ފެލްޓް ލިބުމުގައި އެއްވެސް އުސޫލަކާ ޚިލާފުވެފައިވޭތޯ ކުރި ތަހުގީގުގައި ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.