ޚަބަރު

ހޯނޑެއްދޫގައި އޭޓީއެމްއެއް ބެހެއްޓުމަށް ކައުންސިލާއެކު ސޮއިކޮށްފި


  • މިމަސައްކަތް ކުރަނީ ހޯނޑެއްދޫ ކައުންސިލް މެދުވެރިކޮށް

  • ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ދިނުން

ހޯނޑެއްދޫގައި އޭޓީއެމްއެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހޯނޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ހޯނޑެއްދޫގައި އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި އެރަށު ކައުންސިލާއި ދެމެދު އެވެ. މިމަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ ރަށު ކައުންސިލާ ހަވާލުކޮށްގެންނެވެ. އެއްބަސްވުމުގައި ހޯނޑެއްދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ހުސެއިން ވާރިޝްއެވެ. ބޭންކް އޮފް މޯލްޑިވްސް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލްއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓިއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ.