ބާސެލޯނާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ ޖޮއާން ލަޕޯޓާ އިސްތިއުފާދެއްވުމަށް ޕްރެޝަރ ގްރޫޕުތަކުން ގޮވާލައިފިއެވެ.
ސްޕެއިނުގެ އެންމެ ވަރުގަދަ އެއް ކުލަބު ކަމަށްވާ ބާސެލޯނާގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ލަޕޯޓާ އިންތިޚާބުވެވަޑައިގަތީ 2021 ވަނަ އަހަރުގެ މަހު މަހުގެ އަށްވަނަ ދުވަހެވެ. އޭގެ ފަހުން މިވީ ދުވަސްތަކުގައި އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މާލީ އަޑިގަނޑުން އަރައިނުގަނެވި އެންމެ ފަހުން ކުޅުންތެރިން ވެސް ރަޖިސްޓަރ ނުކުރެވުމެވެ. ފުރަތަމަ ދައުރުގައި 2003 އިން 2010 އަށް ކާމިޔާބު ރައީސެއްގެ ގޮތުގައި ފެނިވަޑައިގެންނެވި ލަޕޯޓާގެ އިސްތިއުފާގެ އަޑު ގަދަވެގެން އުޅެނީ މިދިޔަ ޖޫން މަހު 60 މިލިއަނަށް ގަތް ޑެނީ އޮލްމޯ އާއި ޒުވާން ފޯވަޑް ޕައު ވިކްޓަރ ރަޖިސްޓަރ ކުރަން ދިން މުއްދަތުގައި އެކަން ނުކުރެވުމުންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 31 ގައި އެކަން ނުކުރެވުމުން ބާސެލޯނާއިން މިހާރު ވަނީ މި މައްސަލާގައި ކޯޓަށްދާން ނިންމައިފަ އެވެ.
ލަޕޯޓާގެ އިސްތިއުފާއަށް ގޮވާލާފައިވަނީ ބާސެލޯނާ އަށް ނިސްބަތްވާ 10 ގްރޫޕަކުންނެވެ. އޭގެ ތެރޭގައި ކުލަބުތަކާއި އެސޯސިއޭޝަންތައްވެސް ހިމެނެއެވެ.
މި ގްރޫޕްތަކުން ބުނަނީ ލަޕޯޓާ އާއި އޭނާގެ ހިންގާ ކޮމިޓީގެ އެންމެން ވަގުތުން އިސްތިއުފާ ދިނުމަށެވެ. އަދި އެކަން ނުކުރާނަމަ ލަޕޯޓާ އަށް އިތުބާރު އޮތްތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގައިދިނުމަށެވެ. މިދެކަން ވެސް ނުކޮށްފިނަމަ ކުލަބުގެ އާއްމު މެމްބަރުންގެ ސޮޔާއެކު އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ރަސްމީކޮށް ހުށަހަޅާނެ ކަމަށެވެ.
ލަޕޯޓާގެ އިސްތިއުފާ އަށް ގޮވާލުމުގެ އެންމެ ކުރީގައި ހުރި ފަރާތަކީ 2021 ގެ އިންތިހާބުގައި އޭނާއާ ވާދަކޮށް ބަލިވި ވިޔަފާރިވެރިޔާ ވިކްޓަރ ފޮންޓް އެވެ. ބާސެލޯނާގެ ކުޅުންތެރިން ރަޖިސްޓަރ ނުކުރެވުނު މައްސަލާގައި އޭނާ ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ލަޕޯޓާގެ ޕްލޭންތަކުގައި އުއްމީދީ އަދި ދުރު ވިސްނުން ނެތް ކަމަށާއި ކޮންމެ ކަމެއްގައި ކުލަބަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރަމުންދާ ކަމަށެވެ. ހާއްސަކޮށް މާލީ ކަންކަން މެނޭޖްކުރުމުގައި ލަޕޯޓާގެ މެނޭޖްމަންޓް ފެއިލްވެފައިވާ ކަމަށެވެ.
ބާސެލޯނާގެ ކުރީގެ ކޯޗު އަދި ކެޕްޓަން ޒަވީ ހަނާންޑޭޒްގެ ގާތް އެކުވެރިޔާ ފޮންޓް ބުނެފައިވަނީ އޭނާނަމަ މާލީ ގޮތުން ކުލަބު މާރަނގަޅަށް މެނޭޖްކޮށްދޭނެ ކަމަށެވެ.