ކުޅިވަރު

އިޓާލިއަން ސުޕަ ކަޕް: ތަށި ހޯދަން މިލާނުގެ ދެ ޓީމުވެސް ތައްޔާރު


އިޓާލިއަން ސުޕަ ކަޕް ފައިނަލްގައި މިރޭ އިޓަލީގެ އޭސީ މިލާނާ އިންޓަމިލާން ވާދަކުރާއިރު ތަށި ހޯދޭނެ ކަމުގެ އިތުބާރު ވަރަށްބޮޑު ކަމަށް ދެ ޓީމުން ބުނެފި އެވެ.

ސައުދީ އަރަބިއާގެ ރިޔާދުގެ އަލް އައްވަލް ޕާކުގައި މިރޭ 12 ޖަހާއިރު ފަށާ މެޗު އެއް ގޮތަކުން މުހިންމީ އިންޓަމިލާނަށެވެ. މިއީ އިންޓަ ޖެހިޖެހިގެން ހަތަރު ވަނަ އަހަރު ތަށި ހޯދަން ނުކުންނަ ފަހަރެވެ. މޮޅުވެވިއްޖެނަމަ ޔުވެންޓަސްގެ ރެކޯޑާ ހަމަހަމަވާނެ އެވެ.

ނަމަވެސް ވާދަވެރި އޭސީ މިލާނުގެ ކޯޗު ސާޖިއޯ ކޮންސެސާއޯ ބުނީ މި މެޗަކީ މީގެ ދެ އަހަރު ކުރިން ޗެމްޕިއަންސް ލީގުގައި އޭނާ އާއި އިންޓަމިލާނުގެ ކޯޗު ސިމޯން އިންޒާގީގެ ދެމުގައި ހިނގި އަރައިރުމުގެ ބަދަލު ހިފުމަކަށް ނުހަދާނެ ކަމަށެވެ.

"
އަހަރުމެން ދެ މީހުންނަކީ ދެ ރަހުމަތްތެރިން. އަހަރެން އޭނާއާ ސަލާމްކުރާނެކަން ޔަގީން. މިއީ ފުޓްބޯޅަ. އަހަރެން އެދޭނީ އަހަރެންގެ ޓީމު މޮޅުވާން. މި މެޗުން މޮޅުވާނީ ހެދޭ ގޯސްތައް މަދުކުރާ ޓީމެއް،
ކޯޗު ސާޖިއޯ ކޮންސެސާއޯ

މި މެޗަށް ނުކުންނައިރު އިންޓަމިލާނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފޯވަޑް އަދި ކެޕްޓަން ލައުޓާރޯ މާޓިނޭޒަށް ލަނޑެއް ނުޖެހި 9 މެޗު ފާއިތުވެދިއުމެވެ. ނަމަވެސް ކޯޗު ބުނީ ޓީމުގެ ކެޕްޓަނާމެދު ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ.

"
އޭނާ އަކީ އަބަދުވެސް ގޯލާ ރައްޓެހި ކުޅުންތެރިއެއް. އެކަމަކު ފޯވަޑަކަށް ގޯލު ޖެހި ދާ ވަގުތުތައް ދިގުދެމިގެންގޮސްފިނަމަ ކުރާނެ އަސަރު އަހަރެންނަށް ވެސް އެނގޭ. އަހަރެންނަކީ ކުރިން ފޯވަޑެއް. މާޓިނޭޒްގެ ކެރިއަރުގައި އޭނާ އެހުރީ ވަރަށް އާދަޔާ ހިލާފު ހިސާބެއްގައި. އެކަމަކު އޭނާ އަކީ އަބަދުވެސް ޓީމަށް ވަރަށް މުހިންމު މީހެއް. އެފަދަ ދެވަނައެއްނެތް ކެޕްޓަނެއް. މިއީ ކުޅުންތެރިންނަށް ލިބޭ އިތުބާރެއް،
ކޯޗު އިންޒާގީ

ކޯޗު ބަދަލުވެ، ކޮންސެއިސާއޯ ހަވާލުވި ފަހުން މިލާނުގެ ކުޅުމުގެ ފެންވަރު މަތިވެއްޖެކަމަށް އިންޒާގީ ވެސް އެއްބަސްވި އެވެ. މިހެންވެ އޭނާ ބުނީ މެޗު ތަށި ހޯދަން ކުރިން ގޯލެއް ޖެހުން މުހިންމު ކަމަށެވެ. މާޓިނޭޒާއެކު އެކަން ކުރަން މާކަސް ތުރަމް އާއި މާކޯ އާނައުޓޮވިޗް އަދި ޔަކީން ކޮރެއާ ތިބުމުން ފުދޭ ކަމަށެވެ.

"
ގޯލެއް ޖަހަން ވަކި މީހަކު ހުންނާކަށް ނުޖެހޭނެ. މިއިން ކޮންމެ ކުޅުންތެރިއަކު ވެސް ގޯލެއް ޖަހަން ކަމުދާނެ. މާޓިނޭޒްގެ ވާހަކަ އެންމެން ދައްކާއިރު އަހަރެން ދެކޭ ގޮތުގައި އޭނާ އެހުރީ އެންމެ މަތީ ފެންވަރުގައި،
ކޯޗު އިންޒާގީ

އިޓާލިއަން ސުޕަ ކަޕްގެ ފައިނަލަށް އިންޓަ ދަތުރުކުރީ ސައޫދީގައި ކުޅުނު ސެމީ ފައިނަލްގައި ނަޕޯލީ ބަލިކޮށްފަ އެވެ. އޭސީ މިލާން ފައިނަލަށް ދިޔައީ ޔުވެންޓަސް ބަލިކޮށްފަ އެވެ. ޗެމްޕިއަން ޓީމަށް އަށް މިލިއަން ޔޫރޯ ލިބޭނެ އެވެ.