ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ ރޭ 2-2 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި ހުރިހާ ގޮތަކުންވެސް ޔުނައިޓެޑް މޮޅަށް ކުޅުނު ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް އެއްބަސްވެއްޖެއެވެ.
ސްނޯ އާއި ބޯ ވިއްސާރައިގައި ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ސްލޮޓް ބުނީ އޭނާގެ ޓީމު މެޗު އެނބުރުނީ އޭނާގެ ޓީމު ރަނގަޅަށް މެޗު ފަށައި ތިން ފުރުސަތު ބޭކާރުކޮށްލި ފަހުން ކަމަށެވެ.
"އަހަރުމެންނަށް ނަތީޖާ ބަދަލުކޮށްނުލެވި ދިޔައީ. ދެން ފެނުނީ އެމީހުން މޮޅަށް ކުޅެން ފަށައި މެޗު އުނދަގޫވި ވަގުތުކޮޅެއް. އެމީހުންގެ ޓީމަކީ ފެންވަރުހުރި މޮޅު ޓީމެއް. އަހަރުމެން އެ މީހުންނަކީ ދެރަބައެއްގެ ގޮތުގައި އެއް އިރެއްގައި ވެސް ނުދެކެން. ހާއްސަކޮށް (ޔުނައިޓެޑްގެ ކެޕްޓަން) ބުރޫނޯ ފެނާންޑޭޒްއާ ދެކޮޅަށް ކުޅެން އުނދަގޫވި.ކޯޗު އާނޭ ސްލޮޓް
ތާވަލުގެ އެއްވަނައގައި އޮތް ޓީމުގެ ކޯޗު ބުނީ ޔުނައިޓެޑުން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް އިސްކަންދީގެން ކަމަށާއި ނަތީޖާއެއްގެ ގޮތުން ބައިކޮޅަށް ގޯލެއް ވަދެ ފަހަތުން އަރައި މޮޅުވާން ޖެހުމުން އޭނާގެ ޓީމަށް މެޗު އިތުރަށް އުނދަގޫވި ކަމަށެވެ.
"އެމީހުންނަކީ ބޯޅައާއެކު ވެސް ބޯޅަ ނެތި ވެސް ފެންވަރުހުރި ޓީމެއް. އެމީހުން ކައިރީގައި ކުޅެން އުނދަގޫވީ އެކަމުގެ ސަބަބުން. މެޗު ފަށައިގެން ހުޅުވާލެވިފައިވާ ގޭމެއް ކުޑަވަގުތުކޮޅަކަށް ފެނުނު. އެކަމަކު ފުރަތަމަ 75 މިނިޓްގައި (ޔުނައިޓެޑްގެ ކީޕަރު އަންދްރޭ) އޮނާނާ ކޮންމެ ބޯޅައެއް ދިގުކޮށް ކުޅޭ. އަދި ކޮންމެ ފްރީކިކެއް ވެސް އެގޮތަށް ކުޅުނު. ދެން ފަހު 15 މިނިޓްގައި އެމީހުން މުޅި ދަނޑުގައި ކުޅެގަތްއިރު ވެސް އެމީހުންގެ މޮޅުކަން ފެންނާނެ. އެހެންވީމާ މި މެޗުން ޕޮއިންޓެއް ލިބުނަސް އަހަރެން ހިތްހަމަޖެހޭ،ކޯޗު އާނޭ ސްލޮޓް
ޔުނައިޓެޑަށްވުރެ ގިނަ ފުރުސަތު ލިވަޕޫލަށް ލިބުނު ނަމަވެސް މެޗުން މޮޅުވާން އެންމެ ހުސް ފުރުސަތެއް ލިބުނީ ޔުނައިޓެޑްގެ ހެރީ މެގުއާ އަށެވެ. އެކަމަށް ކޯޗު ސްލޮޓް ވެސް އެއްބަސްވި އެވެ. އެގޮތުން މެޗުގެ އިތުރުވަގުތުގައި މެގުއާއަށް ހުސްކޮށް ލިބުނު ބޯޅަ ޖެހީ ހުރަސް ދަނޑިމަތިންނެވެ.
މި މެޗު އެއްވަރުވުމުން ލިވަޕޫލް އެއްވަނާގައިވަނީ 46 ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑް އޮތީ 23 ޕޮއިންޓާއެކު 13 ވަނާގަ އެވެ.