ލިވަޕޫލާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި، ކަންބޮޑުވަނީ އެ ކުޅުން ތަކުރާރު ނުކުރެވުން ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.
ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމަށްފަހު ރޭ ލިވަޕޫލުގެ ދަނޑުގައި 2-2 އިން އެއްވަރުވި މެޗުން މޮޅުވާން އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ ފަހު ވަގުތުގައި ޔުނައިޓެޑްގެ ހެރީ މެގުއާ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ކޯޗު ބުނީ ރޭގެ މެޗުގައި ގިނަ ބަޔަކު ހީކުރި ވަރަށްވުރެ މޮޅަށް އޭނާގެ ޓީމު ކުޅުނު ކަމަށެވެ.
"އަހަރުމެންނަށް މިފެންނަ ކަންކަމަށްވުރެ މީޑިއާތަކުގެ އެކްސްޕެކްޓޭޝަންސް މަތި. އަހަރެން ކަންބޮޑުވަނީ މި މެޗުގައި ދެއްކި ކުޅުން އެހެން މެޗުތަކުގައި ތަކުރާރު ނުކުރެވޭތީވެ. އަހަރުމެން ޓީމުގައި ޖޯޝާއި ފޯރި އެބަހުރިކަން މި މެޗުން ފެނިގެން ހިނގައްޖެ. ތިބީ (ކުޅޭހިތުން) މޮޔަވެފައި. އަހަންނަށް ހީވަނީ އަހަރުމެން ކޮންމެ ދުވަހަކު ލިވަޕޫލާ ދެކޮޅަށް ކުޅުނަސް މި ފެންވަރުގައި ކުޅޭނެހެން. އެކަމަކު އަހަރުމެން އެބަޖެހޭ އެހެން ޓީމުތަކާ ދެކޮޅަށް މި ފެންވަރުގައި ކުޅެން.ކޯޗު ރުބެން އަމޮރިމް
މި މެޗު އެއްވަރުވުމުން ޔުނައިޓެޑް އޮތީ 23 ޕޮއިންޓާއެކުގައެވެ. ކެޕްޓަން ބުރޫނޯ ފެނާންޑޭޒްވެސް މެޗަށް ފަހު ބުނީ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. މެޗުގެ ގިނަ ވަގުތުތަކުގައި ލިވަޕޫލަށް ވުރެ ރަނގަޅަށް ޑޮމިނޭޓްކުރީ ޔުނައިޓެޑް ކަމަށެވެ.
"މި މެޗުގައި އަހަރުމެން މި ކުޅުނީ ހާސްކަމެއްނެތި. އަހަރުމެން ޖެހޭ މެޗުގެ ރަނގަޅު ކަންކަން ދެނެގަންނަން. އަހަރުމެން މި މެޗުގައި ކުޅުނީ ވަރަށް އިތުބާރާއެކު. މީގެ ދެތިން މެޗެއްގައި ކުޅުނު ޓީމަށްވުރެ ތަފާތު ޓީމެއްގެ ގޮތުގައި އަހަރުމެން މި މެޗުގައި ކުޅުނީ،ކެޕްޓަން ބުރޫނޯ ފެނާންޑޭޒް
އޭނާ ބުނީ މިދިޔަ ހަފުތާގައި ނިއުކާސަލް އަތުން ޔުނައިޓެޑް ބަލިވިއިރު ވެސް ގޯސްކޮށް ދިޔައީ ނަތީޖާ ކަމަށެވެ. ނަމަވެސް ފުޓްބޯޅައިގެ އެންމެ މުހިންމު އެއްޗަކީ ވެސް ނަތީޖާ ކަމަށްވާއިރު މޮޅަށް ކުޅުނަސް ނުފުދޭ ކަމަށާއި ނަތީޖާ ރަނގަޅު ކުރަން މުޅި ޓީމު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މި މެޗު އެއްވަރުވި ނަމަވެސް ލިވަޕޫލް އޮތީ 46 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނައިގައެވެ.