ޚަބަރު

މޯލްޑިވިއަނުން ގެންނަ ވައިޑް-ބޮޑީ: ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް


  • މިބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެއް

  • ބޯޓުގައި 3 ކްލާހަކަށް ގޮނޑިތައް ވަނީ ޖަހާފައި

މޯލްޑިވިއަންގެ ދަތުރުތަކަށް ގެންނަ ވައިޑް-ބޮޑީ އެއަރކްރާފްޓަކީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ވަރުގަދަ ބޯޓެއްކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް ގެންނަ ވައިޑް-ބޮޑީ މަތިންދާ ބޯޓު މިއަދު ރާއްޖެ އަންނާނެއެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚިދުމަތުގައި ވައިޑް-ބޮޑީ މަތިންދާ ބޯޓު ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތައް ޚާއްސަކޮށް މޯލްޑިވިއަންއަށް ވަރަށް ތާރީޚީ ދުވަހެކެވެ.

މޯލްޑިވިއަންގެ ޚިދުމަތަށް ގެންނަ ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ ބޯޓެކެވެ. މި ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓުގައި ގޮނޑިޖަހާފައިވަނީ 3 ކްލާހަކަށް ބަހާލައިގެންނެވެ. އެއީ ބިޒްނަސް ކްލާސް، ޕްރިމިއަމް ކްލާސް އަދި އިކޮނޮމީ ކްލާހެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ހެޑް އޮފް ފްލައިޓް ޓެކްނިކަލް މުޙައްމަދު ޒައިދު އަސަދު ވިދާޅުވީ، މިބޯޓުގައި ޖެނެރަލް އިލެކްޓްރިކް ސީއެފްގެ 2 އިންޖީނު އަޅާފައިވާކަމަށެވެ. މި ބޯޓުން ދުރު މަންޒިލްތަކަށް ދަތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މޯލްޑިވިއަންއިން ދާންބޭނުންވާ އަދި ޕްލޭންކޮށްފައި ހުރި ހުރިހާ މަންޒިލަކަށްވެސް އެއްވެސް ރެސްޓްރިކްޝަނެއް ނެތި މިބޯޓުން ދަތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ދުރު މަންޒިލްތަކަށް ދިއުމަށް އަޅުގަނޑުމެން ކުރީގައި މި ބޭނުންކުރި 320 ނުވަތަ 321 އަކީ ނެރޯބޮޑީ. މިހާރު އަޅުގަނޑުމެން މިގެންނަނީ ވައިޑް-ބޮޑީ. ވައިޑް-ބޮޑީގައި ގާތްގަނޑަކަށް އަޅުގަނޑުމެންނަށް އެބަދެވޭ 13000 ނުވަތަ 12000 ކިލޯމީޓަރު. ޔޫރަޕާއި ހަމައަށް ދާއިރު 8000 ނުވަތަ 9000 ކިލޯމީޓަރުން މިދެވެނީ ދިވެހިރާއްޖޭން. އަޅުގަނޑުމެންނަށް ޔޫރަޕާއި ޗައިނާގެ ބޮޑެތި ސިޓީތަކާއި ހަމައަށް އަޅުގަނޑުމެންނަށް މި ބޯޓުގައި ސީދާ ދަތުރުކުރެވޭނެ". ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ، މި ބޯޓަކީ ދުނިޔޭގެ އޭވިއޭޝަން ދާއިރާގައި މިހާރު ބޭނުންކުރާ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެންމެ މަތީ މިންގަނޑު ހިމެނޭ ބޯޓެއްކަމަށެވެ.

"މި ބޯޓަކީ އޭގެ ޒާތުގައި މިހާރު އޭވިއޭޝަން ދާއިރާގައި ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ އެންމެ ސަލާމަތީ ކަންތައްތައް ނުވަތަ ސޭފްޓީއަށް ބަލާއިރު ފުދޭވަރަކަށް ރަނގަޅު ބޯޓެއް. އަދި ޒަމާނީ ވަސީލަތްތަކާ ޒަމާނީ ޓެކްނޮލޮޖީ އިންކޯޕަރޭޓްކޮށްފައިވާ ބޯޓެއް". ޒައިދު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އުދުހުންތަކުގައި ވައިޑް-ބޮޑީ މަތިންދާ ބޯޓު ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި އަދި ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. މޯލްޑިވިއަންއިން ގެންނަ ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި 10 ޓަނުގެ ކާގޯ އުފުލޭނެ ކެޕޭސިޓީ ހުރެއެވެ.