ޚަބަރު

މޮނާކޯ ބަލިކޮށް ޕީއެސްޖީން ސުޕަ ކަޕް ކާމިޔާބުކޮށްފި


ފްރެންޗް ސުޕަ ކަޕް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީ އިން މި އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައިވަނީ ފައިނަލުގައި މޮނާކޯ އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ޕީއެސްޖީ އިންނެވެ. އަދި މުޅި މެޗުގައި ޕީއެސްޖީ އިން 27 ފުރުސަތެއް ތަނަވަސްކޮށްފައިވާއިރު އޭގެ ތެރެއިން ނުވަ ހަމަލަވަނީ މޮނާކޯގެ ގޯލަށް އަމާޒުކޮށްފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ޕީއެސްޖީއަށް ކާމިޔާބު ކޮށްދީފައިވަނީ އޮސްމާން ޑެމްބެލޭ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ މި މެޗުގައި އޭނާގެ ޓީމުން ދެއްކި ކުޅުމަށް ބަލާފައި މިއީ އެ ޓީމަށް ހައްގު މޮޅެއް ކަމަށެވެ. އަދި ފްރާންސްގައި އޮތް އެންމެ ވަރުގަދަ އެއް ޓީމާއި ދެކޮޅަށް ކުޅެ މި މުބާރާތް ކާމިޔާބު ކުރެވުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާވަނީ ސިފަކޮށްފަ އެވެ.