ޚަބަރު

ކްރިސްޓަލް ޕެލަސްއިން ޗެލްސީ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ޗެލްސީ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ފަންސަވީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރުވެފައިވާއިރު ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެއް ނުވެއެވެ.

އަދި އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދު ކުޑަ ފަރަގެއް ކުރިން އޮތް ނަމަވެސް މިހާރު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ވަނީ 9 ޕޮއިންޓަށް އިތުރުވެފަ އެވެ. ޗެލްސީ އަށް 36 ޕޮއިންޓް ލިބިފައިވާއިރު ދެ މެޗު މަދުން ކުޅެގެން ލިވަޕޫލް އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ.

މި މެޗުގެ 14 ވަނަ މިނިޓުގައި ކޯލް ޕާމާ ވަނީ ލަނޑެއް ޖަހާ ޗެލްސީއަށް ލީޑު ނަގައިދީފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 13 ވަނަ ލަނޑެވެ.

އަދި މި ލަނޑަށްފަހުވެސް ޗެލްސީން ވަނީ ރަގަޅު ކުޅުމެއް ދައްކާ ޕެލަސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ފޯވަޑް ނިކޮލަސް ޖެކްސަން އާއި ސަންޗޯގެ އިތުރުން މޮއިސެސް ކައިސޭޑޯ ފޮނުވާލި ހަމަލަތައް ފާހަގަކޮށްލެވެ އެވެ.

ޗެލްސީއަށް މި މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ވަނިކޮށް ޕެލަސްގެ ޖޯޗް ފިލިޕް މަޓޭޓާ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު ޕެލަސް އިން ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިނުވެ ސަލާމަތްވެފަ އެވެ. މި ވަގުތު ތާވަލުގެ 15 ވަނައިގައި އޮތް ޕެލަސް އަށް ވަނީ 20 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ.