ޓުއަރިޒަމް

ރާއްޖެ އިޝްތިހާރުކުރުމަށް ޕީ.އާރު އެޖެންސީތަކެއް ހަމަޖައްސަވައިފި


ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގައި، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއާއި ގުޅިގެން މަސައްކަތްކުރާނެ ޕަބްލިކް ރިލޭޝަންސް އެޖެންސީތަކެއް ހަމަޖައްސަވައިފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން އެމްއެމްޕީއާރުސީން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ޕަބްލިކް ރިލޭޝަންސް އެޖެންސީތައް ހަމަޖައްސަވާފައިވަނީ ޗައިނާ، ޖަރުމަނު، ޔޫކޭ، ފަރަންސޭސިވިލާތް، އިންޑިއާ އަދި ކޮރެއާގައި ކަމަށެވެ.

އެ ޤައުމުތަކުގައި ޕަބްލިކް ރިލޭޝަންސް އެޖެންސީތައް ހަމަޖައްސަވާފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި، މި އެޖެންސީތަކުގެ ސަބަބުން އެ ޤައުމުތަކުގައި ރާއްޖޭގެ ފަރާތުން ކުރިއަށްގެންދާ ހަރަކާތްތައް އެންމެ އެކަށޭނަ ގޮތަށް ކުރިއަށް ގެންދިޔުމަށް އެހީތެރިވެދޭނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރައްވައެވެ. އަދި މީގެ އިތުރުންވެސް އެޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދާނެ ހަރަކާތްތައް ރާވާ ހިންގުމަށް އެ އެޖެންސީތަކުން އެހީތެރިވެދޭނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރައްވައެވެ.