ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ، އަންނަ ހޯމަ ދުވަހުގެ ފަހުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މިއަދުގެ މޫސުމަށް ބަލާލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ސާކިއުލޭޝަންގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އަދި މިހާރު އެ ސާކިއުލޭޝަންގެ ބާރު ދަށްވަމުންދާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އެހެންނަމަވެސް މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް، ވަކިން ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަކުރާނެކަމަށާއި، މޫސުމަށް ހުރިހާ ފަރާތަކުންވެސް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް ޢާންމު ވައި މަޑުވެގެންދާނެކަމަށް މެޓުން ވިދާޅުވެއެވެ. މިގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވަހިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މެޓް އޮފީހުން ވިދާޅުވީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ، ޢާންމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.
މެދުރާއްޖެތެރޭގެ ރަށްތަކަށް ބާލާއިރު މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުލެއަށެވެ. އެގޮތުން ހުޅުލެއަށް 144.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރެކޯޑުކުރެވިފައިވައިވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 142.6 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، އިއްޔެ ހަވީރު 5:00 އިން 6:00 ޖެހުމާއި ހަމައަށް، އެއްގަޑިއިރުގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް ރެކޯޑުކޮށްފައިވެއެވެ.
އަތޮޅުތެރޭގެ ރަށްތަކަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ.މާމިގިއްޔަށެވެ. އެގޮތުން އެރަށަށް 113 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި އއ.ތޮއްޑޫއަށް 78.9 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.