ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރު ތަންފީޒު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުން މަސައްކަތް ކުރުމުން، އޭނާގެ ހަށިފާރަވެރިންނާއި އަސްކަރިއްޔާގެ ސިފައިން އެ ކަމަށް ހުރަސް އަޅައިފިއެވެ. އޭނާ ހައްޔަރު ކުރުމަށް އަމުރެއް ހޯދާފައި ވަނީ، ޤައުމުގައި ކުއްލިހާލަތު އިޢުލާނު ކުރެއްވުމާ ގުޅިގެން، ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ކުށަކަށް އަރައިގަންނަވާފައިވާ ކަަމަށް ކަނޑައަޅައި، ރައީސް ކަމުގެ މަޤާމުގެ ބާރުތަކުން އޭނާ ސަސްޕެންޑުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ކުށަކަށް އަރައިގަންނަވާފައިވާ ކަމަށް ކަނޑައަޅައި، ޔޫން ސަސްޕެންޑު ކޮށްފައި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުންނެވެ.
ޔޫން ހައްުޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކޮށްފައި ވަނީ ދެކުނު ކޮރެޔާގެ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރާ އިދާރާ (ސީއައިއޯ)ންނެވެ. އެ އިދާރާގެ އޮފިޝަލުން ބުނީ، ޔޫން ހައްޔަރު ކުރުމަށް ކުރި މަސައްކަތްތަކަށް އޭނާގެ ހަށިފާރަވެރިންނާއި އަސްކަރިއްޔާގެ ސިފައިން ހުރަސް އަޅާފައިވާ ކަމުގައެވެ. ޔޫން އަދިވެސް ހުންނެވީ ރިޔާސީ ގަނޑުވަރުގައި، އޭނާގެ ހަށިފާރަވެރިންނާއި ސިފައިންގެ ޙިމާޔަތުގެ ދަށުގައެވެ.
ޔޫން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުމާ އެކު، އޭނާއަށް ތާޢީދު ކުރާ އެތަކެއް ހާސް ބަޔަކު ވެސް ވަނީ ރިޔާސީ ގަނޑުވަރު ކައިރިއަށް ޖަމާވެފައެވެ. އަދި، އޭނާއަށް ޙިމާޔަތް ދޭނެ ކަމަށް ބުނެ، އަޑު އުފުލާފައެވެ. ސީއައިއޯގެ ވެރިޔާ ހައްޔަރު ކުރުމަށް ވެސް އެ މީހުން ގޮވައިލާފައިވެއެވެ. އެ އިދާރާގެ އޮފިޝަލުން ރިޔާސީ ގަނޑުވަރު ކައިރިއަށް ދަތުރު ކޮށްފައި ވަނީ އެ ތަނަށް ޖަމާވެފައިވާ ޢާންމުންނަށް ސިއްރިޔާތުގައެވެ.
ސީއައިއޯގެ އޮފިޝަލުން ރިޔާސީ ގަނޑުވަރަށް ވަދެފައި ވަނީ ފުލުހުންގެ ޓީމަކާ އެކުގައެވެ. ނަމަވެެސް، އެ މީހުން ރިޔާސީ ގަނޑުވަރުގެ ގޯތިތެރެއަށް ވަނުމާ އެކު، ޔޫންގެ ހަށިފާރަވެރިންނާއި ރިޔާސީ ގަނޑުވަރުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ސިފައިން ވަނީ ސީއައިއޯއާއި ފުލުހުން ޓީމު ވަށައިލާފައެވެ. އަދި، އަދި ކޯޓު އަމުރު ތަންފީޒު ކުރުމަށް ހުރަސް އަޅާފައެވެ. 200އެއްހާ ހަށިފާރަވެރިންނާއި ސިފައިން ފުލުހުންނާއި ސީއައިއޯގެ ޓީމާ ކުރިމަތިލާފައިވާ ކަމުގައި ރިޕޯޓުތައް ބުންޏެވެ.
ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ބުނީ ރިޔާސީ ގަނޑުވަރުގައި ތިބި ސިފައިންނަކީ ޔޫންގެ ހަށިފާރަވެރިންގެ އަމުރު ހިނގާ ބަޔެއް ކަމުގައެވެ. ޔޫން ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރުމަށް ކުރަމުން ދިޔަ މަަސައްކަތްތައް ސީއައިއޯން މެދުކަނޑައިލާފައި ވަނީ ހަ ގަޑިއިރުގެ ކުރިމަތިލުމަކަށް ފަހުއެވެ. ކޯޓު އަމުރު ތަންފީޒު ކުރުމަށް ހުރަސް އެޅުމަށް ޔޫން އަމަލު ކުރައްވާފައިވާ ގޮތާ މެދު ހިތާމަ ކުރާ ކަމުގައި އެ އިދާރާއިން ބުންޏެވެ. އަދި، މި ކަމާ ދެން އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންދާ ކަން ވެސް އެ އިދާރާއިން ހާމަކުރިއެވެ.
މިއީ، ދެކުނު ކޮރެޔާގެ ތާރީޚުގައި، ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅަކު ހައްޔަރު ކުރުމަށް އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުމަށް އެދި ހުށަހެޅީ، ސީއައިއޯގެ ތަޙުޤީޤީ އޮފިޝަލުންނާ ބައްދަލު ކުރައްވައި، އެ އިދާރާގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޔޫން ދެކޮޅު ހައްދަވަމުން ގެންދަވާތީއެވެ.
އެ އިދާރާއިން ޤަބޫލު ކުރާ ގޮތުގައި، ޑިސެންބަރު 3ވަނަ ދުވަހު ޔޫން ކުއްލި ޙާލަތު އިޢުލާނު ކުރައްވާފައި ވަނީ ދެކުނު ކޮރެޔާގެ ޤާނޫނީ ބާރުވެރިކަން ނެތިކޮށްލުމުގެ ނިޔަތުގައެވެ. އަދި، އެ ކަމާ ގުޅޭ ފުރިހަމަ ތަޙުޤީޤެއް އެ އިދާރާއިން މިހާރު ދަނީ ކުރަމުންނެވެ. ޔޫން މި ވަގުތު ހުންނެވި ރިޔާސީ ގަނޑުވަރަށް ރޭޑު ޖަހަން އެ ޤައުމުގެ ފުލުހުން ކުރިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ދެކުނު ކޮރެޔާގެ ޤާނޫނުގައިވާ ގޮތުން، ދައުލަތާއި ޤާނޫނީ ސަރުކާރާ ދެކޮޅަށް ތެދުވެ، ޙަރަކާތެއް ހިންގުމަކީ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކަށް ވެސް ބަރިއްޔަނުވެވޭނެ ފަދަ ކުށެކެވެ. ނަމަވެސް، ޔޫނާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. ޔޫންގެ ޤާނޫނީ ވަކީލު ޔޫން ގަބްގެން ވިދާޅުވީ، އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައި ވަނީ އިންސާފުން ބޭރުން ކަމުގައެވެ. އަދި، އޭނާއާ ދެކޮޅަށް ތަޙުޤީޤެއް ހިންގުމުގެ ބާރު ސީއައިއޯއަށް ލިބިގެންވާ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެެވެ.
ޑިސެންބަރު 3ވަނަ ދުވަހު ކުއްލި ޙާލަތު އިޢުލާނު ކުރެއްވުމަށް ފަހު، ޤާނޫނުހަދާ މަޖިލީހާއި ޢާންމުންގެ ފަރާތުން ކުރިމަތިވި ނުރުހުމާއި ފިއްތުންތަކާ ގުޅިގެން މަޑު ގަޑިއިރުތަކެއްގެ ތެރޭގައި ޔޫން ވަނީ އެ ނިންމުން ބާޠިލު ކުރައްވާފައެވެ. ނަމަވެސް، ކުއްލިހާލަތުގެ އަމުރު ތަންފީޒު ކުރުމަށް އޭނާ ވަނީ ޤާނޫނު ހަދާ މަޖިލީހަށް ސިފައިން ފޮނުވާފައެވެ. އަދި، އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރުމުން އެ ކަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޤާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ހަތިޔާރު އެޅި ސިފައިން ވަނުމާ ގުޅިގެން، ސިފައިންނާއި މަޖިލީހުގެ މުވައްޒަފުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ.
ދެކުނު ކޮރެޔާއަކީ 1980ގެ އަހަރުތަކަށް ފަހު ޑިމޮކްރެޓިކް ވެރިކަމެއް ކުރަމުން އަންނަ ޤައުމެކެވެ. ދެކުނު ކޮރެޔާގައި ކުއްލި ޙާލަތު އިޢުލާނު ކުރުން ވެގެންދިޔައީ އެ ޤައުމުގެ ރައްޔިތުންގެ އިތުރުން ބައިނަލްއަޤުވާމީ މައިދާނުގައި އެ ޤައުމުގެ އެކުވެރިންނަށް ވެސް ސިހުން ގެނުވި އަމަލަކަށެވެ. އޭގެ ތެރޭގައި، އެ ޤައުމުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބެލެވޭ އެމެރިކާ ވެސް ހިމެނެއެވެ.
ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ޔޫން ކުށަކަށް އަރައިގަނެފައިވާ ކަމަށް ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުން ވަނީ އޭނާއާ ދެކޮޅަށް ޝަރިޢަތް ހިންގަން ފަށާފައެވެ. ޔޫން ވެރިކަމުން ދުރުކުރުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުންނެވެ. މި ފަދަ ހާލަތްތަކުގައި ޝަރިޢަތް ނިންމުމަށް އެ ކޯޓަށް 180 ދުވަހުގެ މުހުލަތެއް ޤާނޫނުން ދީފައި އޮތް ނަމަވެސް، ޔޫންގެ މައްސަލަ އަވަސްނިޔާގެ އުސޫލުން ހިންގުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ. އަދި، ޖަނަވަރީ 3ވަނަ ދުވަހަށް ޝަރިޢަތުގެ މަޖިލިހެއް ވަނީ ތާވަލުކޮށްފައެވެ.