މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު ދައުލަތުގެ މާލީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ވޭތުވެދިޔަ ސަރުކާރުން މާލީ އެތައް ކަމަކަށް ފަރުވާކުޑަކޮށްފައިވުމުން، ޤައުމުގެ އިޤްތިސާދީ ހާލަތު އޮތީ ފުން އަނދަވަޅެއްގެ ތެރޭގައެވެ. މިއީ ކުރީ ސަރުކާރުން 8 ބިލިޔަން ރުފިޔާ ޗާޕުކޮށް، 5 އަހަރުތެރޭގައި ދައުލަތުން ލިބޭ އާމްދަނީގެ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ދަރަނި ދައްކާ ހާލަތަށް ވައްޓާލުމުން ދިމާވި ހާލަތެކެވެ.
ދަރަނި އިންތިހާއަށް މަތިވުމާއެކީ، އަދުގެ ސަރުކާރުން ދައުލަތުގެ މާލީއްޔާ ހަމައަކަށް އެޅުވުމަށް މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރު ތެރޭގައި ކޮށްފައިވެއެވެ. އެގޮތުން ދައުލަތުގެ އެކި މަސައްކަތްކޮށް ފައިސާ ނުދެއްކި ހުރި ކުންފުނިތަކަށް ފައިސާ ދައްކާނެ ގޮތެއް ކަނޑައަޅައި އެގޮތަށް ޢަމަލުކުރަން ވަނީ ފަށާފައެވެ.
މީގެ އިތުރުން އާސަންދަ ނިޒާމުގެ ތެރެއިން ހުރި މައްސަލަތައް ހައްލުކޮށް، ބަލްކް ޕްރޮކިއުމެންޓްކޮށް ނުވަތަ ގަނޑުކޮށް ބޭސް ގެނައުމަށް، ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރެވިފައިވެއެވެ. މި މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާއިރު ރާއްޖޭގައި ޑޮކްޓަރީ ބޭސް އެތެރެކޮށް ވިއްކާ އަގު ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތައާއި 2000 އިންސައްތައާ ދެމެދުގެ ފައިދާއެއް ނަގާގޮތައްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިދިޔަ އަހަރު ތެރޭގައި އެތައް މިލިޔަން ޑޮލަރެއްގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ޢުމްރަނީ ތަރައްޤީގެ މަޝްރޫޢުތަކަށް ލިބިފައިވާ ލޯން އެހީތަކާއި އެކި ދައިރާތަކުން ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާއެވެ.
އަދުގެ ސަރުކާރުން ދަނީ ޒިންމާދާރުކަމާއެކު ޤައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާ ގުޅޭ ސީރިއަސް، އަދި ޤާނޫނާ ފުށުއަރާފަދަ މައްސަލަތަކެއް ފާހަގަކުރެވުމާއެކު މާލީ ވުޒާރާއިން "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" އާންމުކުރުން މި މައްސަލަ ހައްލުކުރެވެންދެން މަޑު ޖައްސާލިއެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މިދިޔަ އަހަރާއި އަދި އޭގެ ކުރި އަހަރުތަކުގައި ޕޯސްޓްކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިޔަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާ ކަމަށެވެ. އަދި އިތުރު ބިލުތަކެއްވެސް ހުރެދާނެ ކަމަށް ބެލެވޭތީ އެކަންތައް ބަލާދިނުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި ވަނީ އެދިފައެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ބަޖެޓުގައި ޕޯސްޓްކޮށްފައިހުރި، 2023 ވަނަ އަހަރުގެ ކޭޝްޕްލޯއިން ފައިސާ އަދާ ނުކުރެވި ހުރި 3 ބިލިޔަނެއްހާ ރުފިޔާ މި އަހަރުގެ ކޭޝްފްލޯއިން އަދާކޮށްފައިވާކަމަށްވެސް މާލީ ވުޒާރާއިން ވިދާޅުވިއެވެ.
މި މައްސަލަތައް ހައްލުކޮށް މިހާރު "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓު އާންމުކުރަން ވަނީ ފަށާފައެވެ.
2024 ވަނަ އަހަރު މާލީ ވުޒާރާއިން ކޮށްފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ ދައުލަތުގެ ބަޖެޓުގެ މަސައްކަތެވެ. އެގޮތުން ބަޖެޓުގައި މަޝްރޫއުތަކަށް ކުދިކުދި އަދަދުތައް ޖެހުމުގެ ބަދަލުގައި، ސަރުކާރުގެ ޚަރަދުގައި ހިންގޭ މަޝްރޫޢުތަކަށް އެކަށީގެންވާ ވަރަށް ފައިސާ ހިމަނައި ނަތީޖާ ނެރެވޭނެ ގޮތަށް ބަޖެޓު ވަނީ ތައްޔާރުކޮށްފައެވެ.
މިގޮތުން މިއަހަރަށް ކަނޑައެޅި ބަޖެޓުގެ އެންމެ އިސް އަމާޒަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. މިއާއެކު މިއަހަރަށް 56.6 ބިލިޔަން ރުފިޔާ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން މާލީ ދައިރާ ހަރުދަނާ ކުރުމަށް، ސޮވެރިން ޑިވެލޮޕްމެންޓްގެ ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލް ފަދަ މުހިންމު ބިލުތަކެއް މިދިޔަ އަހަރުތެރޭ ހުށަހަޅާފައިވެއެވެ. އަދި ސަރުކާރުން ރިޒާވް ހަރުދަނާ ކުރުމުގެ މަސައްކަތަކެއް މަރުކާޒީ ބޭންކާއެކު ވަނީކޮށްފައެވެ.
މިހުރިހާ މަސައްކަތަކާއެކު ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި ރިފޯމް މަސައްކަތައް ކުރުމަށް، ޚާއްސަ އޮފީހެއް ޤާއިމްކޮށް އެފީހުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
މިއޮފީހާއެކު ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަ ބަދަލުތައް ތަންފީޒުވާ މިންވަރު ބެލި އެކަންކަން ތަންފީޒު ކުރުމަށް އިދާރާތަކައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
މި މަސައްކަތްތަކާއެކު މިދިޔަ އަހަރު ވެގެން ގޮސްފައިވަނީ ދައުލަތުގެ މާލީ ނިޒާމަށް ގެއްލިފައިވާ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްކަތެއް ކުރެވުނު އަހަރަކަށެވެ.