ޚަބަރު

އަހަރުގެ ފުރަތަމަ ދުވަސް: 79 ދޯންޏަކުން 311 ޓަނުގެ މަސް ކިރުވި


  • ގިނަ ދޯނިތައް މަސްވެރިކަން ކުރަމުންދަނީ ހުވަދުއޮތަޅުގައި

  • އެންމެ ގިނައިން މަސް ކިރުވާފައިވަނީ މިފްކޯގެ ބޯޓުތަކަށް

މިއަހަރުގެ ފުރަތަމަ ދުވަހު 311 ޓަނުގެ މަސް ކިރުވާފައިވާކަމަށް ސަރުކާރުގެ މައި މަސްކުންފުނި މިފްކޯއިން ވިދާޅުވެއްޖެއެވެ. މިފްކޯއިން ވިދާޅުވީ، މިދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅުވެފައިވަނީ ހުވަދު އަތޮޅުގައިކަމަށެވެ.

މިފްކޯއިންވަނީ ވަނީ ކޮންމެ ދުވަހަކުވެސް މަސްކިރުވި އަދަދާއި ކިރުވި ސަރަހައްދުތަކުގެ އެސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ދޯނިތަކުގެ އަދަދު އެނގޭގޮތަށް، ތަފާސްހިސާބު އާންމުކުރަން ފަށާފައެވެ. މީގެ ސަބަބުން މަސްވެރިކަން ރަނގަޅު ހިސާބުތައް އެނގިގެންދާނެ ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނައިން މަސްކިރުވާފައިވަނީ ހުވަދު އަތޮޅަށެވެ. ހުދުވަހު އަތޮޅު ދެކުނުބުރީގެ 22 ދޯންޏަކުން 92.6 ޓަނުގެ މަސް މިފްކޯގެ ބޯޓުތަކަށް ކިރުވާފައިވެއެވެ. ދެން އެންމެ ގިނައިން ކިރުވާފައިވަނީ ހުވަދު އަތޮޅުގެ އުތުރުބުރީގައި ހަރަކާތްތެރިވަމުންދާ ދޯނިތަކުންނެވެ. އެ އަތޮޅުގައި ހަރަކާތްތެރިވަމުންދާ 20 ދޯންޏަކުން 80.7 ޓަނުގެ މަސް ވަނީ ކިރުވާފައެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ޅ. އަތޮޅުގައިވެސް މަސްވެރިކަން މިދުވަސްވަރު ރަނގަޅެވެ. އެގޮތުން ސީދާ ފެލިވަރަށް އެ ދުވަހު މަސްކިރުވާފައި ނެތަސް ފެލިވަރު ބަނދަރުގައި އޮތް 3 ބޯޓަކަށް މަސްކިރުވާފައިވެއެވެ. އެގޮތުން 15 ދޯންޏަކުން 58.1 ޓަނުގެ މަސް ކިރުވާފައިވެއެވެ.

ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު މިފްކޯގެ މަސް ބޯޓުތައް ފިޔަވައި އެންމެ ގިނައިން މަސްކިރުވާފައިވަނީ ކޫއްޑޫއަށެވެ. އެގޮތުން އެ ފެސިލިޓީއަށް 80.7 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. ބޯޓުތަކަށް 221.1 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއާއެކު ޖުމްލަ 79 ދޯންޏަކުން 311 ޓަނު މަސް ވަނީ ކިރުވާފައެވެ.

މިފްކޯއިން އައު އަހަރުގެ ފުރަތަމަ ދުވަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، މަސްވެރިންނަށް 48 ގަޑިއިރު ފައިސާ ދިނުމުގެ ސިޔާސަތުގެ ދަށުން މިދިޔަ އަހަރަށް މަސްވެރިންނަށް ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް މިހާރު ވަނީ ދޫކޮށް ނިންމާފައެވެ.

މިފަހަކަށް އައިސް މަސްވެރިކަން ދަށްވެފައި އޮތް ނަމަވެސް، މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މަސްވެރިކަން ދަނީ ރަނގަޅުވަމުންނެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުވާލެއްގެ މައްޗަށް މަސް ކިރުވި އަދަދު 100 ޓަނަށްވެސް ޑިސެމްބަރު މަހު މެދުތޭ އަރާފައި ނުވެއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެވަރޭޖްކޮށް ދުވާލެއްގެ މައްޗަށް 200 ޓަނަށް ވުރެ ގިނައިން މިފްކޯއަށް މަސް ދަނީ ކިރުވަމުންނެވެ.