ޚަބަރު

ބޭރުގެ ބޮޑެތި ޢިލްމުވެރިން މިއަހަރު ތެރޭގައި ރާއްޖެ ގެންނަނީ


  • އަންނަ މަހުގެ ތެރޭގައިވެސް ބައިނަލްއަޤުވާމީ ޢިލްމުވެރިއަކު ގެނައުމުގެ މަސައްކަތްދަނީ ކުރަމުން

  • މިޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި

ބައިނަލްއަޤުވާމީގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ޢިލްމުވެރިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ވިދާޅުވީ މި މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ އެކި އެކި ޖަމްޢިއްޔާތަކާއި ގުޅިގެންކަމަށެވެ.

ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަޤުވާމީ ޢިލްމުވެރިން އެކި ދުވަސްވަރު ރާއްޖެއަށް ވަޑައިގަންނަވައެވެ. ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެފަދަ ޢިލްމުވެރިން މެދުވެރިކުރައްވާ އެކި މައުޟޫތަކަށް ބަހާލައިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަވައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު، އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު ވިދާޅުވީ، މިފަދަ ޙަރަކާތްތައް މިއަހަރުގެ ތެރޭގައިވެސް ކުރިއަށްގެންދިޔުމަށް ރާވާފައިވާކަމަށެވެ. މިގޮތުން އަންނަ މަހުގެ ތެރޭގައި ބައިނަލްއަޤުވާމީގޮތުން ފާހަގަކޮށްލެވޭ ޢިލްމުވެރިއެއް ގެނައުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ފާހަގަކޮށްލެވޭ ޢިލްމުވެރިއަކު ގެނެސް، އައްޑޫ ސިޓީގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް. ފެބްރުއަރީތެރޭގައި ގެނެވޭތޯ މިހާރު މަސައްކަތް ކުރަމުން މިދަނީ." މުޠީޢު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު، އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި އިތުރު ޢިލްމުވެރިން ގެނައުމުގެ މަސައްކަތް ޖަމްޢިއްޔާތަކާއި ގުޅިގެން ކުރިއަށްދާކަމަށެވެ. މިގޮތުން އެކި ޖަމްޢިއްޔާތަކުން އެކި ދުވަސްވަރު، ވަކިން ޚާއްސަގޮތެއްގައި ރަމަޟާން މަހާއި ދިމާކޮށް ދިވެހީންގެ މެދުގައި މަޤުބޫލު ޢިލްމުވެރިން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާކަމަށެވެ. އެހެންކަމުން އެފަދަ ޖަމްޢިއްޔާތަކާއި ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގެވުމަށް މަސައްކަތްކުރައްވާކަން އެވުޒާރާއިން ވިދާޅުވެއެވެ.

މީގެކުރީގެ މިފަދަ ޕްރޮގްރާމްތަކަށް ބަލާލާއިރު، މުފްތީ އިސްމާޢިލް މެންކް އަދި ބިލާލް ފިލިޕްސް ފަދަ ބޮޑެތި ޢިލްމުވެރިން ރާއްޖެއަށް މީގެކުރިންވެސްވަނީ ވަޑައިގެން އެކި ޕްރޮގްރާމްތައް ހިންގަވާފައެވެ. މިގޮތުން މާލެ ސަރަޙައްދުގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ފަދަ އާބާދީ ބޮޑެތި ސަރަޙައްދުގައި އެބޭފުޅުންގެ ދީނީ ތަޤުރީރު ބާއްވާފައިވާއިރު ޒުވާނުންނަށް ޚާއްސަ ސެޝަންތަކެއްވެސް މީގެތެރެއިން ކުރިއަށްގެންދަވާފައިވާކަން ފާހަގަކޮށްލެވެއެވެ.