ޚަބަރު

ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އަދަދު މިދިޔަ އަހަރު ދަށަށް


  • މިދިޔަ އަހަރު 3،751 ވައްކަމުގެ މައްސަލަ ރިޕޯޓްކުރިއިރު

  • މަސްތުވާތަކެއްޗާ ގުޅުންހުރި 1،662 މައްސަލަ ރިޕޯޓްކުރި

މިދިޔަ އަހަރު ރިޕޯޓްކުރި ވައްކަމުގެ މައްސަލަތައް 2023 ވަނަ އަހަރާ އަޅާބަލާއިރު މަދުވެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު 3،751 ވައްކަމުގެ މައްސަލަ ރިޕޯޓްކުރިއިރު 2023 ގައި ރިޕޯޓުކޮށްފައިވަނީ 3،817 މައްސަލައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރި އަދަދުވެސް ވަނީ މަދުވެފައެވެ. އެގޮތުން، 2023 ވަނަ އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި 1،752 މައްސަލަ ރިޕޯޓްކުރިއިރު މިދިޔަ އަހަރު ރިޕޯޓްކުރީ 1،662 މައްސަލައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު 2،867 އެކްސިޑެންޓް ވަނީ ރިޕޯޓްކޮށްފައެވެ. މިއީ 2023ވަނަ އަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ. 2023ވަނަ އަހަރު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2،300 އެކްސިޑެންޓެވެ.

ފުލުހުންނަށް ރިޕޯޓްކުރާ އެކްސިޑެންޓުތަކުގެތެރޭގައި އެކިވަރުގެ އެކްސިޑެންޓުތައް ހިމެނޭއިރު މިދިޔަ އަހަރު ނުރައްކާތެރި ގިނަ އެކްސިޑެންޓުތައް ވަނީ ހިނގާފައެވެ. މި އެކްސިޑެންޓުތަކުގައި އަނިޔާވި ބައެއް މީހުން މަރުވެފައިވާއިރު ގިނަބަޔަކަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ.

ރާއްޖޭގައި އެކްސިޑެންޓުތައް އެންމެ ގިނައިން ރިޕޯޓްކުރަނީ މާލެ ސަރަހައްދުންނެވެ. ފުލުހުންގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓްކޮށްފައިވަނީ މާޗު މަހުގައެވެ. އެއީ 301 އެކްސިޑެންޓެވެ.

2024ގައި ރިޕޯޓްކޮށްފައިވާ އިތުރު މައްސަލަތައް

  • ޚިޔާނާތުގެ މައްސަލަތައް: 654 މައްސަލަ
  • މުދަލަށް ގެއްލުންދިނުން: 665 މައްސަލަ
  • މާރާމާރީ: 711 މައްސަލަ
  • ފޭރުން: 504 މައްސަލަ
  • ގެވެށި އަނިޔާ: 248 މައްސަލަ

ރާއްޖޭގައި ހިނގާ އެކްސިޑެންޓުތަކާއި ކުށްތައް މަދުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ފުލުހުންގެ ހަރަކާތްތައް ފާއިތުވި އަހަރުގެ ތެރޭގައި ވަނީ އިތުރުކޮށްފައެވެ.

އަދި ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާ ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ވަކިން ޚާއްޞަކޮށް ވައްކަމާއި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ތަފާތު އެކި ޕްރޮގުރާމުތައް ހިންގައި، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ޙަރަކާތްތަކެއް ފުލުހުން ގެންދަނީ ހިންގަމުންނެވެ.