ކުޅިވަރު

ރާއްޖެއާ ދެކޮޅަށް ކުޅޭނީ ބެންޗު ޓީމު: އިންޑިއާ ކޯޗު


އެކުވެރިކަމުގެ ފަހު މެޗުގައި ދިވެހިރާއްޖޭގެ ގައުމީ އަންހެން ޓީމާ ދެކޮޅަށް މާދަމާ ނެރޭނީ ބެންޗު ޓީމު ކަމަށް އިންޑިއާގެ ކޯޗު ޖީހިމް އެލެގްޒެންޑަސަން ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ދެ ގައުމު ބެންގަލޫރުގައި ކުޅުނު ފުރަތަމަ މެޗު 14-0އިން ހޯމަ ދުވަހު އިންޑިޔާ ކާމިޔާބު ކުރުމުންނެވެ.

"
އަހަރެންނަށް ހީވަނީ އެމީހުން (ރާއްޖެ) އަށްވުރެ އަހަރުމެން މާމޮޅުހެން. އަހަރެމެން (ކުރީ ދުވަހުގެ) މެޗުގައި ވަރަށް ރަނގަޅު ކުޅުނު. ކުރިއަށް އޮތް މެޗުގައި އަހަރެން ކުޅުވާނީ ފުރަތަމަ މެޗަށްވުރެ ތަޖުރިބާ މަދު (ބެންޗުގައި ތިބި) ކުޅުންތެރިން ލައްވައި. ބަދަލުތަކެއް ޓީމަށް ގެންނާނެ. ހިނގާ ބަލަމާ އެމީހުން ދައްކާނެ ކުޅުމެއް މި މެޗުގައި.
ޖީހިމް އެލެގްޒެންޑަސަން - އިންޑިއާގެ ކޯޗު

ސްވިޑްން އަށް އުފަން ކޯޗު އެލެގްޒެންޑަސަން އަކީ އިންޑިޔާގެ 14 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ކޯޗެވެ. ރާއްޖެ އަތުން 14-0އިން މޮޅުވި މެޗަކީ އިންޑިޔާ ޓީމާ ހަވާލުވެ އޭނާ ކުޅުވި ފުރަތަމަ މެޗެވެ. މި މެޗުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ނެގި 23 ކުޅުންތެރިންގެ 14 ކުޅުންތެރިންނަކީ މުޅިން އަލަށް ގައުމީ ޓީމަށް ކުޅޭ 20 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

"
އޭގެ ތެރެއިން ވަރަށް ރަނގަޅަށް ބައެއް ކުޅުންތެރިން ކުޅެވި. (ހަތަރު ލަނޑު ޖަހައިގެން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި (ލިންޑާ ކޮމް) ވަރަށް މޮޅު. ( ދެ ލަނޑު ޖެހި) ނިހާ ވެސް އެހާ މޮޅު. (ހެޓްރިކް ހެދި) ޕިޔާރީ ޒާޒާ ވެސް މޮޅަށް ކުޅުނު. އެހެންވީމާ މިއީ ވަރަސް ބޮޑު ހިތްހަމަ ޖެހުމެއް.
ޖީހިމް އެލެގްޒެންޑަސަން - އިންޑިއާގެ ކޯޗު

ރާއްޖެ އާއި އިންޑިޔާ ވަނީ މިހާތަނަށް ހަތް ފަހަރު ބައްދަލުކޮށްފަ އެވެ. މީގެ ތެރެއިން ހަ ފަހަރު އިންޑިޔާ މޮޅުވިއިރު އެއްވަރުވީ އެންމެ މެޗެކެވެ.