ކުރިއަށް އޮތް ހަތަރު ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލާފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
އައު އަހަރު ބަންދުގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށާއި، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އާއްމު ވައި ވެސް ގަދަވާނޭކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ދަނީ އިއްޔެއިން ފެށިގެން ސަމާލުތައް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލެކެވެ. މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 8:30 އިން 14:30 އަށެވެ. މެޓުން ވިދާޅުވީ މި އަތޮޅުތަކަށް ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މޫސުން ގޯސްވާނެކަމުގެ ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޢާންމުން ސަމާލުވުމަށް ކުރެއްވި އިލްތިމާސްގައި ވިދާޅުވެފައިވަނީ، ސްރީލަންކާގެ އިރު ދެކުނުގަ އުފެދިފައިވާ ކޮޅިގަނޑާއި، އެކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާރ ޓްރަފުގެ ސަބަބުން އައު އަހަރުގެ ބަންދުގައި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަކުރާނެކަމަށެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.