ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓަކީ މިހާތަނަށް އެއް އަހަރު ދުވަހުގެތެރޭގައި އެންމެ ގިނަ ނިންމުންތައް ނިންމެވި ކެބިނެޓެވެ. ރައްޔިތުންގެ ހައްގުގައި، ފައިދާވާނެ އެތައް ނިންމުންތަކެއް ނިންމެވިއެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދުތައް ފުއްދެވުމަށް އެތައް ނިންމެވުންތަކެއް ނިންމާ ވަނީ ތަންފީޒްކުރަން ފަށްޓަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައި ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ގާއިމު ކުރުމަށާއި، ޤާނޫނާ އެއްގޮތަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ ޖެނުއަރީ 2 ވަނަ ދުވަހުއެވެ.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށްވަނީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައެވެ.
އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ޞީއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
އެގޮތުން އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައި އަދި ޚިދުމަތަށް އަލަށް ވަނުމަށް ބޭނުންވާ ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މިހާރުން މިހާރަށް ވަޒީފާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދެއްވުމަށް ވަނީ ނިންމަވާފައެވެ.
އެގޮތުން ބަޖެޓުގައި ހިމެނިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން އެ ފަރާތްތަކަށް އަދާކުރެވޭނެ މަގާމެއް އޮތްނަމަ، މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސެވުމުގެ އާންމު އުސޫލުގެ ދަށުން މިކަން ކުރެއްވުމުގެ ބަދަލުގައި، ޚާއްޞަ ސްކީމެއްގެ ދަށުން، ޞިއްޙީ ދާއިރާއަށް ޚާއްޞަ އަވަސް ރެކްރޫޓްމަންޓް ޕްރޮސެސްއެއްގެ ތެރެއިން، މިފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށްވަނީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައެވެ.
8 ގަޑިއަރަށްވުރެ މަދުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް، އެފަރާތްތަކުން މަސައްކަތްކުރާ ވަގުތަށް ރިޢާޔަތްކޮށް، އުޖޫރައެއް ކަނޑައަޅުއްވައި، ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ތެރެއިން އެފަރާތްތަކަށް އެގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށްވެސްވަނީ އެމަނިކުފާނު ނިންމަވާފައެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީވެސް ޖެނުއަރީމަހުއެވެ. މި ކުންފުންޏަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާއެތެރެކުރުމާއެކު އަވައްޓެރި އެހެން ބައެއް ޤައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް އުފެއްދެވި ކުންފުންޏެކެވެ.
މި ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ފްރީ ޓްރޭޑް ޒޯންތައް ޤާއިމުކުރުން ހިމެނެއެވެ. އަދި އިކޮނޮމިކް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމާއި އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި ރާއްޖެއާ ރާއްޖެއިން ބޭރަށް އަމާޒުކޮށްގެން އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް އަދި ޕްރޮސެސިންގ މަސައްކަތްތައް ހިންގުން މި ކުންފުނި އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަންކަމުގެ ތެރޭގައި ދައުލަތުގެ ގިނަ ވުޒާރާތައް އެކުލެވޭގޮތަށް ނޭޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީން ޤައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމީއެއްގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ނިންމެވުން ހިމެނެއެވެ.
ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންކަމުގެ ތެރޭގައި ސިޓީތައް ތަރައްޤީކުރާއިރު އިނޮވޭޝަން ހަބްސް އަދި ޓެކްނޮލޮޖީ ޕާކްފަދަ އުމްރާނީ ވަޞީލަތްތައް ހިމެނޭގޮތަށް ޤައުމީ މާސްޓަރ ޕްލޭން އެކުލަވާލުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދާ އެއްގޮތަށް ދިރާސީ އައު އަހަރު ފަށާދުވަސް އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ނިންމެވީ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.
މިކަމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ކުއްލިއަކަށް އެބަދަލު ގެނައުމުގެ ބަދަލުގައި ތަޢުލީމީ ކަލަންޑަރަށް ގެނެވޭ ބައެއް އިސްލާޙްތަކާއެކު ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި އެކަން ހާޞިލުކުރެވޭގޮތަށް ބަދަލުތައް ގެނައުމަށެވެ.
އެގޮތުން 2025 ވަނަ އަހަރުގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެންބަރުމަހުގައި ލިބޭގޮތަށް އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ޖަނަވަރީ މަހު ފެށިގެންދާ ގޮތަށް މިބަދަލުތައް ގެންނަވާފައިވެއެވެ.
ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ނަފްސާނީ އިޖުތިމާއީ އެހީތެރިކަމުގެ ޚިދުމަތް ފޯރު ކޮށްދިނުމަށް ޚާއްޞަ ޤައުމީ ހެލްޕް ލައިނެއް ޤާއިމުކުރުމަށް ނިންމަވާފައެވެ.
މި މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނައުމުގެ ގޮތުން މި ހެލްޕްލައިނަކީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ގާއިމުކޮށްފައިވާ ފެންވަރަށް، ސަލާމަތީ ހުރިހާ ޚިދުމަތްތަކެއް އެއް ނަންބަރަކުން ލިބިދޭ ގޮތަށް ކަނޑައެޅުމާއި، ރައްޔިތުންނަށް ދިމާވާ ކޮންމެ ކުއްލި ހާލަތެއްގައި ގުޅޭނެ ހެލްޕް ލައިނެއްގެ ގޮތުގައި ބައްޓަންކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަލުން ވަޒީރުންގެ މަޖީލީހަށް ހުށަހެޅުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި ވެއެވެ.
މިއާއެކު ނޮވެމްބަރު 14 ވަނަ ދުވަހު ވަނީ ކުއްލި ޙާލަތްތަކުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކަށް 911އިން ގުޅޭނެ ނިޒާމެއް ޤާއިމްކޮށްފައެވެ.
ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީކަނޑައަޅުއްވާފައެވެ.
ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ބޭސް ގަތުމަށް 'ބަލްކް ޕްރޮކިއުމަންޓް ނިޒާމު' ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ނިންމެވުން ހިމެނެއެވެ. އަދި މި ނިޒާމުގެ ތެރެއިން، ސަރުކާރުން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހަވާލުކުރައްވާފައިވާ ކުންފުނިކަމުގައިވާ އެސް.ޓީ.އޯ. އިން، ޞިއްޙީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން މި ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްވެސް ނިންމެވިއެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވިއެވެ.
މިގޮތުން މީހުންދިރިއުޅޭ ހުރިހާ ރަށަކާއި ރިޒޯޓްތަކާއި ސިނާޢީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތާއި 10 އިނގިލީގެ ފިންގަރޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ނަގައި އެ ބިދޭސީމީހާ ދެނެގަތުމާއި ޤަވާޢިދާ ޚިލާފަށް ދިރިއުޅޭ ފަރާތްތައް ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރރޭޝަން ޕްރޮގްރާމެއް ހިންގުމާ އަދި އަމިއްލައަށް އެނބުރި ޤައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުން ހިމެނެއެވެ.
މިއާއެކު މިހާތަނަށް ފަސް ހާހަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.
ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވަލުމުގެ މަސައްކަތްކުރުމަށް ކެބިނެޓުން ނިންމެވިއެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނުއްވައިގެން މި މާސްޓަރ ޕްލޭން އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.