މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް މިހާތަނަށް ލަސްވެފައިވަނީ ވޭތުވެ ދިޔަ ސަރުކާރުތަކުގައި އެ ވިއުގައިގެ ޕަމްޕް ސްޓޭޝަން ހަދަން ބިން ހަމަޖައްސާފައި ނުވާތީކަމަށާއި ނަމަވެސް އެމައްސަލަ ޙައްލުކޮށް، ޕަމްޕް ސްޓޭޝަންގެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށް ބޭނުންވާ މައި ނެޓްވޯކް އެޅުމުގެ މަސައްކަތްތައް ކޮށްފައިވަނީ 2018ވަނަ އަހަރު، ސިނަމާލެ ބްރިޖްގެ މަސައްކަތާއެކުއެވެ. ނަމަވެސް މިހާތަނަށްވެސް އެ މަސައްކަތް ނިންމާ ޚިދުމަތް ފަށާފައެއް ނުވެއެވެ. މާލެ ސަރަޙައްދުގައި އިތުރުވަމުން އަންނަ އާބާދީއާއެކު މި ޚިދުމަތަކީ، ފެނުގެ ރައްކާތެރިކަން އިތުރުކުރުމަށް މުހިންމުވެފައިވާ މަޝްރޫޢުއެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ، ފެނުގެ ވިއުގައިގެ މަސައްކަތް ނިންމާ ޚިދުމަތް ފެށުމަށް އެކިއެކި އިދާރާތަކުން ދޭންޖެހޭ އެއްބާރުލުން ވޭތުވެދިޔަ ސަރުކާރުތަކުގައި ދީފައި ނެތްކަމަށެވެ. ފެނުގެ ވިއުގަ ގުޅާލާ ޕަމްޕް ސްޓޭޝަން ހެދުމަށް ބިމެއް ހަމަޖައްސާފައި ނެތުމަކީ މަޝްރޫޢު އެންމެ ބޮޑަށް ލަސްވި ސަބަބުކަން މަތީން ފާހަގަކުރެއްވިއެވެ. ނަމަވެސް މި މައްސަލަ ޙައްލުކޮށް، ޕަމްޕް ސްޓޭޝަންގެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދާކަމަށް މަތީން ވިދާޅުވިއެވެ.
"ހައެއްކަ އަހަރު ވޭތުވެދިޔައިރު ޕަމްޕް ސްޓޭޝަނަށް ބިން ހަމަޖައްސާފައެއް ނެތް. އެތައް އަހަރެއް އެދިޔައީ މަސައްކަތް ނުނިމި. އެކަމަކު މިހާރު ބިން ހަމަޖައްސާ ޕަމްޕް ސްޓޭޝަންގެ މަސައްކަތް އެ ދަނީ ބާރަށް ކުރިއަށް." އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވިއެވެ.
މަތީން ވިދާޅުވީ ޕަމްޕް ސްޓޭޝަންގެ މަސައްކަތް 2025ވަނަ އަހަރުގެ ކުރީކޮޅު މުޅިން ނިންމާ، ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫޢު ފުރިހަމަކުރެވޭނެކަމަށެވެ. ހުޅުމާލެއާއި މާލޭގައި އަޅާ ފެނުގެ ވިއުގައަކީ ގަޑިއަކު 800 ޓަނުގެ ފެން ދައުރުކުރެވޭނެ ނިޒާމެކެވެ.
"މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ ފަހުގެ މަސައްކަތްތައް މިހާރު އެދަނީ. 2025ވަނަ އަހަރު ކުރީކޮޅު ހުރިހާ މަސައްކަތްތައް ނިމޭނެ." އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވިއެވެ.
ސިނަމާލެ ބްރިޖް މެދުވެރިކޮށް ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢަކީ، އެމްޑަބްލިޔުއެސްސީގެ "ވޯޓަރ ސެކިއުރިޓީ ޕްލޭން" ގެ ދަށުން 2016 ވަނަ އަހަރު ފެށި މަސައްކަތެކެވެ. މި ޕްލާންޓާއެކު، މާލެ ނުވަތަ ހުޅުމާލެއިން ފެން ކެނޑޭ ޙާލަތުގައި ވަގުތުން އެއް ރަށުން އަނެއް ރަށަށް ފެން ފޯރުކޮށްދެވޭނެއެވެ.