ޕީއެޗްޑީ ހިމެނޭހެން ހަންގޭރީގައި ކިޔެވުމަށް 25 ސްކޮލަރޝިޕަކަށް އެދުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕްތަކުގައި ކިޔެވޭނީ ހަންގޭރީގެ ޔުނިވަރސިޓީތަކުން ކަމަށެވެ. މިއީ ހަންގޭރީގެ ސަރުކާރުން ހިންގާ ސްކޮލަރޝިޕް ޕްރޮގުރާމަކުން ދިވެހިންނަށް ހޯދައިދީފައިވާ ފުރުޞަތެއްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީއަށް ކިޔެވުމަށް 8 ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް 14 ފުރުޞަތާއި ޕީއެޗްޑީއަށް ކިިޔެވުމަށް 3 ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށައަޅާ ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ. އަދި މި ސްކޮލަރޝިޕްތަކުގައި ކޮންމެ ދަރިވަރަކަށްވެސް ހުށައެޅޭނީ ފުލްޓައިމް އެއް ޕްރޮގްރާމަށްކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށައަޅާ ދަރިވަރުން ވުޒާރާއިން ޝޯޓްލިސްޓުކުރާނެ ކަމަށެވެ. އެއަށްފަހު ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން ކަނޑައަޅާނީ ސްކޮލަރޝިޕްދޭ ފަރާތުންކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން ދެކޮޅު ޓިކެޓާއި ވިސާގެ ޚަރަދު މަތީ ތަޢުލީމާބެހޭ ވުޒާރާއިން ހަމަޖައްސައިދޭނެއެވެ. އަދި ކޯސް ފީއާއި ޓިއުޝަން ފީއާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ދިރިއުޅުމުގެ ޚަރަދުން ބައެއް ސްކޮލަރޝިޕްދޭ ފަރާތުން ހަމަޖައްސައިދޭނެއެވެ. މި ސްކޮލަރޝިޕްތަކުގެ ދަށުން ވަރަށް ގިނަ ދާއިރާތަކަކުން މަތީ ތަޢުލީމް ޙާސިލްކުރެވޭނެއެވެ.
ސްކޮލަރޝިޕަށް އެދި މަތީ ތަޢުލީމާބެހޭ ވުޒާރާގެ މައި އެޑިޔު ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެއެވެ. ހުށައެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މި ފެށޭ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ 14:00 ސުންމިނެޓެވެ.