ޚަބަރު

"އާރު" ޕްރޮގްރާމަށް ޖާރނީ އިން އެއްބާރުލުންދެނީ


މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ ޢާއިލާތަކަށް ޚާއްޞަކުރައްވައިގެން ކުރިއަށް ގެންދަވަން ހަމަޖެހިފައިވާ "އާރު" ޕްރޮގްރާމަށް އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމެއްގައި ޖާރނީއާއި ނޭޝަނަލް ޑްރަގް އެޖެންސީއާ ދެމެދު ސޮއިކުރައްވައިފިއެވެ.

ޖާރނީގައި މިއަދު އޮތް ޙަފްލާއެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ، ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭގެ ފަރާތުން ސީއީއޯ ޙަސަން ޝަހީލްއެވެ. އަދި ޖާރނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަޙުމަދު ނާޒިމްއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންޑީއޭގެ ސީ.އީ.އޯ ޙަސަން ޝަހީލް ވިދާޅުވީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދޭއިރު، އެޕްރޮގްރާމްގެ ތެރޭގައި ގިނަ ކަންތައްތަކެއް ޝާމިލްކުރަންޖެހޭކަމަށެވެ. އެގޮތުން ޕްރޮގްރާމްގެތެރޭގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ އިތުރަށް ބެލެނިވެރިންނާއި، ރަށްޓެހިން ހިމަނަންޖެހޭކަމަށް ޝަހީލް ވިދާޅުވިއެވެ. އަދި މިއީ ފަރުވާ ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމަޢަށް ނިކުންނައިރު އެމާޙައުލަކީ އެކަމަށް ތައްޔާރުވެފައިވާ މާޙައުލަކަށް ހެދުމުގެ ގޮތުން ކުރަންޖެހޭ ކަމެއްކަމަށްވެސް ޝަހީލް ވިދާޅުވިއެވެ.

ޖާރނީގެ ސީއީއޯ އަޙުމަދު ނާޒިމްވިދާޅުވީ، މި އެއްބަސްވުމާއެކު، ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އިތުރު އެހީތަކެއް ލިބިގެންދާނެކަމަށެވެ. އާރު ޕްރޮގްރާމްގެ ޝިޔާރަކީ "ފަރުވާގެ ހަރުދަނާކަން، ކާމިޔާބީގެ އަސާސް" އެވެ. މި ޕްރޮގްރާމްގެ ޕައިލެޓް ޕްރޮޖެކްޓެއް މިހާރު ވަނީ ފަށްޓަވާފައެވެ.