ޚަބަރު

ދަނާލު މަޝްރޫޢަށް ރަށްރަށުން ބިން ވަނީ ހަމަޖެހިފައި: މަތީ ތަޢުލީމާ ބެހޭ ވުޒާރާ


  • 4 ރަށެއްގައި ދަނާލު އެޅުމަށް ވަނީ ނިންމާފައި

  • އަންނަ އަހަރު މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާނެ

ދަނާލު މަޝްރޫޢު ކުރިއަށްގެންދާނެ ރަށްތަައް ކަނޑައަޅާފައިވަނީ އެންމެ ބޭނުން ޖެހިފައިވާ ސަރަޙައްދުތައް ދެނެގަތުމަށްފަހުގައި ކަމަށާއި އެރަށްތަކުން މިހާރު ބިން ހަމަޖެހިފައިވާކަމަށް މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 4 ސަރަޙައްދެއްގައި ދަނާލު އިމާރާތް ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކުރިއަށް އޮތް 5 އަހަރު ދުވަހުގެތެރޭގައި ދަނާލު އަޅަން ނިންމާފައި ވަނީ ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގައެވެ.

މި މަޝްރޫޢުއާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ ދަނާލު މަޝްރޫޢު ކުރިއަށްގެންދާ ރަށްތަކަށް ކަނޑައަޅާފައިވަނީ އެކަމަށް އެދިފައިވާ ރަށްތައް ބަލައިގެންކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ކެމްޕެއިން ދަތުރުފުޅުގައި އެކި ރަށްތަކަށް ވަޑައިގަތުމުން ދަނާލު އެޅުމަށް ރައްޔިތުން އެދިފައިވާކަމަށެވެ.

ޝަފީއު ވިދާޅުވީ ދަނާލުތައް ތަރައްޤީކުރުމަށް ބޭނުންވާ ބިންތައް ލިބިފައިވާކަމަށެވެ. އަދި މިފެށޭ އަހަރު ދަނާލުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށާނެކަމަށް ޝަފީއު ވިދާޅުވިއެވެ.

"އެކި ރަށްތަކުގައި މިހުރި އެކިވަރުގެ މަޝްރޫޢުތައް. އަޅުގަނޑުމެންގެ ވިސްނުމެއް ނެތް މާބޮޑެތި އިމާރާތްތަކެއް ހަދަން. އެ ރަށެއްގެ ކުޑަބޮޑު މިނާ އެ ސަރަޙައްދަކުން ކުދިން އަންނާނެ ވަރަކަށް ބަލައިގެން ކުރިއަށް ގެންދިޔުން. ކިޔަވައިދޭނެ ވަޞީލަތްތައް، ކޮޓަރިތަކާއި ކްލާސްރޫމްގެ ގޮތުގައި ބެނުންކުރެވޭނެ ތަންތަން ޤައިމްކުރާނެ." މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވިއެވެ.

ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ދަނާލު އަޅަން ނިންމާފައި ވަނީ ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގައެވެ. ދަނާލު މަޝްރޫޢުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް، މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް، އެހެން ރަށްރަށަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާއާއެކު ހެޔޮއަގެއްގައި ތިބެވޭނެ ފުރުޞަތު ފަހިކޮށްދެވޭނެކަމަށް މަތީ ތަޢުލީމާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަދި މިކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީ ތަޢުލީމު ޙާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ލުއި ފަސޭހަކަމާއެކު އެކަށޭނަ މާހައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް ތަޢުލީމީ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ދެކެއެވެ.