ޚަބަރު

އައު އަހަރާ ދިމާކޮށް މަހުޖަނުންގެ ޖެޓުތައް ރާއްޖެއަށް، މިއަހަރު %10 ކުރިއެރުމެއް


  • މިއަހަރު މިހާތަނަށް 2326 ޖެޓު ވަނީ ޖައްސާފައި

  • މިމަހު އެކަނިވެސް 148 ޖެޓު މޫވްމެންޓް ރެކޯޑު ކުރެވިފައިވޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ޖެޓުތަކުގެ އަދަދު ކުރީ އަހަރުތަކަށްވުރެ މިއަހަރު އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ގިނަ ޢަދަދެއްގެ ޖެޓުތައް ރާއްޖެ އަންނަ ދުވަސްވަރެއްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލުން ވިދާޅުވީ، މިއަހަރު ޖައްސަމުންދާ ޖެޓުތަކުގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރިކޯޑްކުރެވިފައި ވަނީ 2،107 ޖެޓު މޫވްމަންޓްސްއެވެ. ނަމަވެސް މިއަހަރު މިހާތަނަށް 2،326 ޖެޓު މޫވްމަންޓްސް ރިކޯޑު ކުރެވިފައިވާ ކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.

އެމްއޭސީއެލުން ހިއްސާކޮށްފައިވާ ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހާއި ހަމައަށް ރެކޯޑްކުރެވިފައިވަނީ 148 ޖެޓު މޫވްމެންޓްސްއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިކޯޑުކުރެވިފައިވަނީ ޖުމްލަ 137 ޖެޓު މޫވްމަންޓްސްއެވެ. އެމްއޭސީއެލުން ވިދާޅުވީ، މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް 8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަމަށެވެ.

އެމްއޭސީއެލްގެ ދަށުން ހިންގަމުންދާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖެޓުތައް ޕާކް ކުރަން ޚާއްސަ ސަރަހައްދުގައި 68 ޖެޓު ޕާކު ކުރުމަށް ޖާގަ އޮވެއެވެ. ނަމަވެސް އެ ޖާގަތައްވެސް ފުރި ޖެޓުތައް އެހެން ސަރަހައްދުތަކުގައިވެސް ބާއްވަމުންދާ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

ފިނިމޫސޫމަށާއި އައު އަހަރަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާ މި ދުވަސްވަރަކީ ވެލާނާ އެއާޕޯޓު އަބަދުވެސް ބާރުބޮޑުވާ ދުވަސްވަރެކެވެ. އެހެންކަމުން ޖެޓުތަކުގައިވެސް ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.