ފެނަކަ ކޯޕަރޭޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއެކު މަޝްވަރާކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި މުޙައްމަދު ނަޖާޙު ވަނީ ބައްދަލުކުރައްވާފައެވެ. މިއީ މަޤާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެމްޑީ ނަޖާހު ބައްދަލުކުރެއްވި ފުރަތަމަ ވަޒީރެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެކި ރަށްތަކުގައި ފެނަކައިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
އެގޮތުން، މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީން އެހީތެރިވެދެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ފެނަކައިން މިހާރު ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކާއި ކުރިމަގުގެ ޕްލޭންތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޠާރިގު ވިދާޅުވީ ފެނަކައަކީ ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށާއި އެ ވުޒާރާގެ އަމާޒަކީ ފެނަކައިގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙު ވިދާޅުވީ ތިމާވެއްޓާބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ.
މި ބައްދަލުވުމަކީ ސަރުކާރުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.