މި މަހުގެ 12ވަނަ ދުވަހު 3ވުޒާރާއެއް ހިންގަމުން އައި އިމާރާތްތަކުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތު އެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ އައި އިންޑިއާގެ ޓީމާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުޤީގުގައި އެހީތެރިވުމަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޚާއްސަ ޓީމެއް ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވާން ފެށީ މި މަހުގެ 20ވަނަ ދުވަހުން ފެށިގެންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމު މި މަހުގެ 22 ވަނަ ދުވަހު އެނބުރި އެ ޤައުމަށް ފުރާފައިވާ ކަމަށެވެ. އެ ޓީމުން ހާދިސާ ހިނގިތަން ބަލައި، ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ ކަންކަން ދިރާސާކޮށްފައިވާނެ ކަމަށް ފުލުހުންވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭ ފޮޓޯއާއި ވީޑިއޯ އާއި ސީސީޓީވީ ފުޓޭޖް އަދި ހާދިސާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް އިންޑިއާގެ ޓީމާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި ފޯރުކޮށްދެވުނު މައުލޫމާތުތަކާއި ތަކެތި ދިރާސާކުރުމަށްފަހު އެ ޓީމުގެ ހޯދުންތައް ފުލުހުންނާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އިންޑިއާގެ ޓީމު ފުރިނަމަވެސް ތަހުގީގަށް ބޭނުންވާ ފަންނީ އެހީތެރިކަން ފުލުހުންނަށް ލިބެމުންދާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހާދިސާ ހިނގަން މެދުވެރިވިގޮތް ދެނެގަތުމަށް ފުރިހަމަ ތަޙްޤީގެއް ކުރުމަށް ފުލުހުން ވަނީ ފަށައިފައެވެ. މި ތަހުގީގުގައި ބޭރުގެ ތަހުޤީގީ ޓީމާއެކު ކުރެވޭ މަސައްކަތުން ހާދިސާ ހިނގައިދިޔަ ގޮތް ދެނެގަނެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ފުލުހުން ވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކާވެސް މި ތަހުގީގު މުހިންމުކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި އާންމުންގެ އެހީތެރިކަމަށްވެސް ވަނީ މީގެ ކުރިން އެދިވަޑައިގެންފައެވެ. އެގޮތުން އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން މޭޖަރ ކްރައިމް އިންވެސްޓިގޭޝަނާ ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ އެދިވަޑައިގެންފައެވެ.
މި މަހުގެ 12ވަނަ ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ގެދޮރުވެރިކަމާބެހޭ ވުޒާރާއާއި އިމާރާތް ކުރުމާބެހޭ ވުޒާރާ އަދި ތިމާވެއްޓާބެހޭ ވުޒާރާ ހިންގަމުން އައި އިމާރާތްތައް އެއްކޮށް އަނދާ ހުލިވިއެވެ. އެ ވުޒާރާތަކުގެ މަސައްކަތްތައް ވަގުތީގޮތުން ބަދަލުކޮށްފައިވަނީ ދަރުބާރުގެއަށެވެ.