ފަތުރުވެރިކަމުގެ ސިނާއަތުގައި އަންނަ އަހަރުގެ އެންމެ ބޮޑު އަމާޒަކީ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއިއެކު އޮކިއުޕެންސީ ރޭޓުވެސް އިތުރުކުރުންކަމަށް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓު މުޙައްމަދު ޚަލީލް ވިދާޅުވެއްޖެއެވެ.
ޚަލީލު މިހެން ވިދާޅުވީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަންވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މީޑިއާއާ ވާހަކަދައްކަވަމުންނެވެ.
އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މުޙައްމަދު ޚަލީލް ވިދާޅުވީ، 2 މިލިޔަން ފަތުރުވެރިން ހަމަކުރެވުނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރަށް ގިނަ ފަރާތްތަކެއްގެ މަސައްކަތުންކަމަށެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ކަނޑައަޅާ އަމާޒުތައް ހާސިލްކުރުމަކީ އުނދަގޫކަމަކަށް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު %15 އިތުރުކުރުމަށް ސަރުކާރުން އަމާޒުހިފާފައިވާއިރު އެކަން ހާސިލްކުރުމަށް ކުރަންޖެހޭ ކަންކަމުގެ ޕްލޭނެއް މިހާރު އެމްއެމްޕީއާރުސީން ތައްޔާރުކޮށްފައިވާކަމަށް ޚަލީލު ވިދާޅުވިއެވެ. އެގޮތުން ފޯކަސްކުރާނެ މުޙިއްމު މާކެޓުތައް ކަނޑައަޅައި މާކެޓުކުރާނެ ގޮތްތައް މިހާރު ކަނޑައަޅާފައިވާކަމަށް މުޙައްމަދު ޚަލީލް ވިދާޅުވިއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި ރާއްޖެ އިޝްތިހާރުކުރުމުގެ ތަފާތު ހަރަކާތްތަކެއް އަންނަ އަހަރު ފެނިގެންދާނެކަމަށާއި، އޭގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތައް ރަނގަޅު ކުރިއެރުމެއް ލިބޭނެކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ނަމްބަރުތައް އިތުރުކުރުމާއިއެކު އޮކިއުޕެންސީ ރޭޓު އަދި ލިބޭ އާމްދަނީ އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަންް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަންނަ އަހަރު މިކަމަށް ޙާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އެޑްވައިޒަރ ވިދާޅުވިއެވެ.
"އިންޑަސްޓްރީގެ އޮކިއުޕަންސީއާއި އޭޑީއާރާއި (އެވްރެޖް ޑެއިލީ ރޭޓް) ގުޅިފައި މިހުންނަނީ ދައުލަތައް ލިބޭ އާމްދަނީއާއި. ނަމްބާސް އިތުރުވިއަސް އޮކިއުޕަންސީ އިތުރުނުކުރެވި އޭޑީއާރު ރިސޯޓްތަކުގައި އިތުރުނުކުރެވޭނަމަ ދައުލަތައް ލިބޭ އާމްދަނީވެސް އިންޑަސްޓްރީއަށް ލިބޭ އާމްދަނީވެސް ދަށްވާނެ. އަޅުގަނޑުމެން މިއަންނަ އަހަރު ވަރަށް ބޮޑު ފޯކަސްއެއް ކުރާނަން މާކެޓްކޮށްގެން ޑިމާންޑް ކްރިއޭޓްކޮށްގެން އޮކިއުޕަންސީ، އޭޑީއާރު ރަނގަޅުކުރުމަށް. އެއީ އަސްލުގަ އެންމެ ބޮޑު ޓާގެޓްއަކަށް ވާނީ. އޭރުން ޖީޑީޕީއަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ." މުޙައްމަދު ޚަލީލް ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި 1267 ތަނެއް ވަނީ ހުޅުވާފައެވެ. އެއީ މުޅި ޖުމްލަ 63،190 އެނދެވެ. މީގެތެރެއިން %67 އަކީ ރިސޯޓްތަކުން ނެރެފައިވާ އެނދުކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.