ޚަބަރު

ސަކާ ދެ މަހަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް


އާސެނަލްގެ މިޑްފީލްޑަރު ބުކަޔޯ ސަކާ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ ބުނެފިއެވެ.

ލީގުގައި އިޕްސްވިޗް އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓޭޓާ ބުނެފައިވަނީ ސަކާގެ ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ސާޖަރީއެއް ހަދާފައިވާ ކަމަށާއި އަދި އަލުން އޭނާއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހުން ކަމަށެވެ.

އުމުރުން 23 އަހަރު ސަކާ އަށް އަނިޔާ ވެފައިވަނީ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް މިމަހުގެ 21 ވަނަ ދުވަހު ކުޅުނު މެޗުގަ އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައިވާ ސަކީ ވަނީ ހުރިހާ މުބާރާތެއްގައި އާސެނަލް އަށް މި ސީޒަނުގައި ކުޅެދިން 24 މެޗުގައި ނުވަ ގޯލު ޖަހާ 13 ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީފަ އެވެ.

ސަކާ ނެތްތަން ފޫބެއްދުމަށްޓަކައި ކުރިއަށް މިއޮތް ޖެނުއަރީ މަހު އައު ކުޅުންތެރިއެއް ހޯދުމުގެ ބަދަލުގައި ސްކޮޑުގައި ތިބި ކުޅުންތެރިން ބޭނުންކޮށްގެން އެ ތައް ފޫބެއްދުމަށް މަސައްކަތް ކުރާނެކަމަށް އާޓޭޓާ ވަނީ ބުނެފަ އެވެ.

އެގޮތުން އިޕްސްވިޗް އާއި ދެކޮޅަށް ކުޅުނު މެޗުގައި ސަކާގެ ޕޮޒިޝަނަށް އާޓޭޓާ ބޭނުންކޮށްފައިވަނީ ގެބްރިއެލް މާޓިނޭލީ އެވެ.