ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކާއި އޭރުގެ ޗީފް ފައިނޭޝަލް އޮފިސަރ ޔާސިރު ހަސަން ދިރިއުޅޭ ގެއާއި، އޭނާއާއި ގުޅުންހުރި ދެތަނެއް ބަލާ ފާސްކޮށް އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިތަކެތި ފުލުހުން ގެންގޮސްފައިވަނީ ކުރީ ސަރުކާރުގެ ދުވަސްވަރު އާރުޑީސީގައި ހިންގި ކަމަށް ބެލެވޭ ޚިޔާނާތުގެ މައްސަލައެއްގެ ތަހުގީގަށެވެ. މި ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި މޫސާ އަލިމަނިކާއި ޔާސިރު ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އާރުޑީސީއާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައެއްގައި ތަހުގީގުގެ ބޭނުމަށް މޫސާ އަލިމަނިކު ދިރިއުޅޭ ތަނާއި ޔާސިރުއަށް ނިސްބަތްވާ ދެތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުން އިލެކްޓްރޯނިކް ސާމާނުތަކެއް ސީޒްކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ވިދާޅުވި ނަމަވެސް ގެންދިޔަ ތަކެތީގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ ފައިސާތަކެއް ވަދެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. މިމައްސަލާގައި އެ ކުންފުނީގެ ވެރިއެއްގެ އެކައުންޓަކަށް 14 މިލިޔަން ރުފިޔާ ވަދެފައިވާކަމަށް ތުހުމަތު ކުރެވެއެވެ.
މިމައްސަލާގައި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީންކުރެވިފައިވާކަމަށާއި އަދި އެތިން މީހުންގެ އަމިއްލަ އެކައުންޓުން ކުންފުނީގެ 14 މިލިޔަން ރުފިޔާ ދައުރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މީގެތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިޔަން ރުފިޔާ އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް 4 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ މީހެއްގެ އެކައުންޓަށް އާރުޑީސީގެ އެކައުންޓުން 216 ޓްރާންސެކްޝަން ހަދާފައިވާކަމަށެވެ. އަދި ކޮންމެ ޓްރާންސެކްޝަނެއްގެ ތެރޭގައި އެތަކެއް މީހަކާއި ގުޅުންހުރި އިތުރު ޓްރާންސެކްޝަންތައް ހިމެނޭ ކަމަށާއި އަދި އޭގެއިން ކޮންމެ އެކައުންޓެއްގެ މައުލޫމާތަކީ ވަކިވަކިން ހޯދަންޖެހޭ މައުލޫމާތު ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ހިޔާނާތްތެރިވިކަމަށް ބެލެވޭ ފައިސާ ނިމިދިޔަ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްހަލަތު އޮންނަ ކުންފުނިތަކަށްވެސް ވަދެފައިވާކަން ތަހުޤީޤަށް ހާމަވާކަމަށެވެ.