އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ތާރީޚުގައި އުފެދުނު އެންމެ މަޤުބޫލު އަދި ވަރުގަދަ ސިޔާސީވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މަންމޯހަން ސިންގ އަވަހާރަވީ ހާލުކޮޅު ދެރަވެ ކުއްލި ގޮތަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 92 އަހަރެވެ.
މަންމޯހަން ސިންގ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ރައްޔިތުންގެ މި ހިތާމަވެރި ވަގުތުކޮޅުގައި އެމަނިކުފާނާއި ދިވެހި ރައްޔިތުން ތިބީ އެ ޤައުމުގެ ރައްޔިތުންނާއެކުގައި ކަމަށެވެ. އަދި މި ދަނޑިވަޅުގައި މަންމޯހަން ސިންގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ 2011ވަނަ އަހަރުގެ ނޮވެމްބަރު މަހު މަންމޯހަން ސިންގ ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅަކީ ރާއްޖެއަށް އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީގައި މުހިންމު ދަތުރުފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ "ލުކް އީސްޓް ޕޮލިސީ" އަކީ މުޅި ދެކުނު އޭޝިއާގެ ތަރައްގީއަށް މުހިންމު ޕޮލިސީއެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
On behalf of Maldivian people and myself, I join the people of India in mourning the passing of former Prime Minister Dr. Manmohan Singh. His historic visit to the Maldives in November 2011 marked a significant milestone in advancing our economic and social development.
— Dr Mohamed Muizzu (@MMuizzu) December 27, 2024
Dr.…
މަންމޯހަން ސިންގެ އިސްނެންގެވުމުގެ މަތިން ފެށި "ލުކް އީސްޓް ޕޮލިސީ" އަކީ އިންޑިއާ އާއި ދެކުނު އޭޝިއާގެ ޤައުމުތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ސަރަހައްދީ ތަރައްގީއަށް މަސައްކަތް ކުރުމަށް ފެއްޓެވި ޕޮލިސީއެކެވެ.
އިންޑިޔާގެ ތާރީޚުގައި އުފެދުނު އެންމެ މަޤުބޫލު އަދި ވަރުގަދަ ސިޔާސީވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސިންގ ވަނީ، އިންޑިޔާގެ ބޮޑުވަޒީރުގެ މަޤާމު 2004ން 2014ވަނަ އަހަރާ ހަމައަށް އަދާކުރައްވައިފައެވެ. އިންޑިޔާގެ އެއިމްސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، އިންޑިޔާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ފަދަ ގިނަ ސިޔާސީ ލީޑަރުން ވަނީ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.
މަންހޯމަން ސިންގގެ ސިޔާސީ ހަޔާތްޕުޅުގައި އިންޑިޔާގެ އިޤްތިޞާދާށާއި އިޖުތިމާޢީ ބައެއް ސިޔާސަތުތަކަށް ގެންނެވި އިންޤިލާބީ ބަދަލުތައް ގިނަ ބަޔަކު އަދިވެސް ފާހަގަކުރެއެވެ. ޙާއްޞަ ގޮތެއްގައި އިންޑިޔާގެ އިޤްތިޞާދަށް މިހާރު ފެންނަމުންދާ ކުރިއެރުމުގެ ފަހަތުގައި އޮތީ ސިންގެ ބޮޑުވަޒީރު ކަމުގައި އެޅުއްވި ފިޔަވަޅުތައް ކަމަށް ގިނަ ބަޔަކު ޤާބޫލުކުރެއެވެ.
މަންމޯހަން ސިންގ އަވަހަރާވިއިރު، އަނބިކަނބަލުންނާއި ތިން އަންހެން ދަރިކަނބަލުން ތިއްބެވިއެވެ.