ޚަބަރު

ފަތުރުވެރިިކަމުގެ 52 އަހަރުގެ ތާރީޚުގައި އެންމެ ގިނަ ފަތުރުވެރިން އައި އަހަރަކަށް މިއަހަރު


  • އެންމެ ގިނައިން ފަތުރުވެރިން އައި އަހަރަށް މިއަހަރުވަނީ ވެފައި

  • އަމާޒަކީ 2 މިލިޔަން ފަތުރުވެރިން ގެނައުން

  • ފަތުރުވެރިކަން ސިންދަފާތުކުރުމަށް އަންނަނީ މަސައްކަތްކުރަމުން

ރާއްޖޭގެ ފަތުރުވެރިކަމުގެ 52 އަހަރުގެ ތާރީޚުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައި އަހަރަކަށް މިއަހަރު ވެއްޖެއެވެ. މީގެކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރުގެ ގޮތުގައި ރެކޯޑް އޮތީ ނިމުނު 2023 ވަނަ އަހަރުއެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 2023 ވަނަ އަހަރާއި އަޅާބަލާއިރު މިހާރު ވަނީ އިތުރުވެފައެވެ.

ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1،978،252 ފަތުރުވެރިންނެވެ. އެހެންކަމުން މި އަމާޒު ހާސިލްވާން ދެން އިތުރަށް ބޭނުންވަނީ 21،748 ފަތުރުވެރިންނެވެ.

ފާއިތުވި 12 އަހަރާއި އަޅާބަލާއިރުވެސް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް މިއަހަރު ވަރަށް ބޮޑަށް އިތުރެވެ.

ފަތުރުވެރިން ރާއްޖެ އައިސްފައިވާ ޢަދަދުތައް:

• 2013 : 1،125،202 ފަތުރުވެރިން - %17.5 ކުރިއެރުމެއް
• 2014 : 1،204،857 ފަތުރުވެރިން - %7.1 ކުރިއެރުމެއް
• 2015 : 1،234،248 ފަތުރުވެރިން - %2.4 ކުރިއެރުމެއް
• 2016 : 1،286،135 ފަތުރުވެރިން - %4.2 ކުރިއެރުމެއް
• 2017 : 1،389،542 ފަތުރުވެރިން - %8 ކުރިއެރުމެއް
• 2018 : 1،484،274 ފަތުރުވެރިން - %6.8 ކުރިއެރުމެއް
• 2019 : 1،702،887 ފަތުރުވެރިން - %14.7 ކުރިއެރުމެއް
• 2020 : 555،494 ފަތުރުވެރިން - %67.4 ދަށްވުމެއް
• 2021 : 1،321،937 ފަތުރުވެރިން - %138 ކުރިއެރުމެއް
• 2022 : 1،675،303 ފަތުރުވެރިން - %26.7 ކުރިއެރުމެއް
• 2023 : 1،878،543 ފަތުރުވެރިން - %12.1 ކުރިއެރުމެއް
• 2024 : 1،978،252 ފަތުރުވެރިން - %9 ކުރިއެރުމެއް


ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، 2 މިލިޔަން ވަނަ ފަތުރުވެރިޔާގެ އަމާޒު މާދަމާ ހާސިލްވާނެކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިން ކުރިއަރުވައި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ އުދުހުންތަކުގައި ވައިޑް-ބޮޑީ އެއަރކްރާފްޓް ބޭނުންކޮށް ދުނިޔޭގެ ގިނަ މަންޒިލްތަކަށް ސީދާ ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އަންނަ މަހު މޯލްޑިވިއަންގެ ޚިދުމަތްތަކަށް ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފަށާނެއެވެ.

މި ދަތުރުތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 3 ދަތުރު ޗައިނާގެ 3 މަންޒިލަކަށެވެ. އެއީ ބެއިޖިން، ޝަންހާއި އަދި ޗެންޑޫއަށެވެ. އެއަށްފަހު ޔޫރަޕްގެ އެހެން ޤައުމުތަކަށްވެސް ދަތުރުތައް ފުޅާކުރާނެކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ. މި ދަތުރުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.